އައްޑޫސިޓީގައި 600 ކޮޓަރީގެ ޓޫރިޒަމް މަޝްރޫއެއް ތަރައްގީ ކުރުމުގެ މަސައްކަތް، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 1،000 އެނދު އައްޑޫގައި ތަރައްގީ ކުރެވިގެންދާނެއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ އައްޑޫ ހައި ސްކޫލްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެންނެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ވަހީދެވެ. އަދި މަޝްރޫއުގެ މަސައްކަތް ހަވާލުކުރެވުނު އެމްޓީޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނިޔާޒެވެ. މި މަޝްރޫއަކީ އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް ތަރައްގީކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ހަވާލުކުރެވުނު މަސައްކަތެކެވެ.
ރޭ ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އައްޑޫގައި ޓޫރިޒަމްގެ ދާއިރާ ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ، އެއާޕޯޓްގެ މަސައްކަތް ނިމިގެންދާއިރު، އެ ސަރަހައްދުގެ އެންމެ މުހިންމު އެއް ކަމަކަށް ޓޫރިޒަމް ވާނެ ކަމަށާއި، އެއާޕޯޓް ކާމިޔާބުވެ، ވަޒީފާގެ ފުރުސަތުތައް ލިބޭނީ ވެސް ޓޫރިޒަމްގެ ސަބަބުން ކަމަށެވެ. "ވަޒީފާ ލިބޭނެ އެއް ދާއިރާއަކީ، ރަނގަޅަށް ޓޫރިޒަމް ކުރިއެރުވުން،" ރައީސް ވިދާޅުވިއެވެ.




