އައްޑޫ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކަރަންޓުގެ މައްސަލަކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ވަށާޖެހޭ ދާއިމީ ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ ގާއިމުކުރުމަކީ އެމަނިކުފާނުގެ ސަރުކާރުން ކުރައްވާނެ ކަމެއްކަމުގެ ޔަޤީންކަން، އައްޑޫ ސިޓީގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
އައްޑޫ ހައި ސްކޫލުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން ވަކިވަކީން ފާހަގަކުރައްވައި، އެކަންކަމަށް އަވަސް ޙައްލުތައް ހޯއްދަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ. ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުފުޅުތައް ފުއްދެވުމާ ސީދާ ގޮތުން ގުޅިފައިވާ މަޝްރޫޢުތަކުގެ އިތުރުންވެސް، ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ދެން އެންމެ ބޮޑުވެފައި އޮތީ އިންފްރާސްޓްރަކްޗަރ ނުވަތަ މަގުހެދުމުގެ މައްސަލަކަމުގައި ވިދާޅުވެ، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މައްސަލައަށް ޙައްލެއް ނުލިބި އޮތުމުގެ ސަބަބުން އިޤްތިޞާދަށްވެސް ހުރަސްތަކެއް ކުރިމަތިވާކަމުގައެވެ. މަގުތައް ހެދުމަކީ ވުނޭރުންނާއި އާންމު ރައްޔިތުންނަށްވެސް ކޮންމެހެން ބޭނުން ކުރިއެރުމެއް ކަމަށާ، ވަޢުދުވެވަޑައިގެންނެވި ގޮތަށް، ސިޓީގެ ހުރިހާ މަގުތަކެއްވެސް ހައްދަވައި ދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މަގު ހެދުމުގެ މަޝްރޫޢު ނިންމަވާނީ، މަރުހަލާތަކަށް ބައިނުކުރައްވައި ކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ކިތަންމެ ދަތި ޙާލެއްގައި ނަމަވެސް މާލެއަށް ދިރިއުޅުން ބަދަލުކުރައްވާ އެއް ސަބަބަކީ ވަޒީފާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި އައްޑޫ ސިޓީއިން ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ހަމަޖެހިގެންދާނެކަމުގެ އުންމީދީ ޚަބަރު ހިއްސާކުރައްވާފައެވެ. ވަކީން ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ގެންދަވާން ހަމަޖެހުނު މަޝްރޫޢުތަކާއެކު، ދާދި އަވަހަށް ވަޒީފާތައް އުފެދި، އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އަހަރުތަކެއް ވަންދެން ކުރިއެރުމެއް ނުލިބި ހުއްޓިފައި އޮތް ޝަންގްރިއްލާ ރިސޯޓް، މިއަހަރުގެ ފަހުކޮޅު ހުޅުވޭނެކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާކަން ހާމަކުރައްވާފައެވެ. ހަމަ މިފަދައިން ހަންކެޑެ މަޝްރޫޢުގައި ހުރި ހުރަސްތައްވެސް ނައްތާލެވި، 1000 އެނދުގެ އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫޢެއް މާލަހެއް ނުވެ ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެމަނިކުފާނުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދަވާ އައްސޭރި ޓުއަރިޒަމް މަޝްރޫޢުގެ ތެރެއިންވެސް ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.




