މަސްތުވާތަކެއްޗާއެކު ދަނިކޮށް ލަންކާ އިން އަތުލައިގަތް ބޯޓަށް ޑްރަގް އަރުވާފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނޫން ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައިވަނީ ލަންކާ ފުލުހުންނާ ހަވާލާދީ އެވެ. މީގެ ކުރިން ބައެއް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، "ސީދޭވީ" ގެ ނަން ދީފައިވާ އެ ބޯޓަށް މަސްތުވާތަކެތި އެރުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކަމަށެވެ.
ނަމަވެސް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 355 ކިލޯގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް އެ ބޯޓަކީ ރާއްޖޭގެ ސަރަަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ލަންކާގެ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ، "ސްރީލަންކާގެ ރަސްމީ އިދާރާތަކުން ވަނީ 355 ކިލޯގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް ބޯޓަކީ ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ދިވެހި ފުލުހުންގެ ހިދުމަތަށް ކަށަވަރު ކޮށްދީފައި" ކަމަށެވެ.
ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން މީގެ ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ކަމަށް މައުލޫމާތު ލިބުނީ، ލަންކާގެ ގޯލް ސިޓީގައި އެ އުޅަނދުގެ ވެރިފަރާތް ހައްޔަރުކުރުމަށް ފަހު ހިންގި ތަހުގީގެއްގެ ތެރެއިންނެވެ. ޑްރަގާ އެކު އަތުލައިގަތް ބޯޓަކީ މަސް ބޯޓެއް ނަމަވެސް، އެ އުޅަނދުގައި މަސްވެރިކަމުގެ އެއްވެސް ހަރަކާތެއް ހިންގާފައިނުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބޯޓު އަތުލައިގަނެ ފާސްކުރި އިރު، 250 ކިލޯއަށް ވުރެ ގިނަ ކްރިސްޓަލް މެތާއި 85 ކިލޯގެ ހެރޮއިން ފެނިފައިވެ އެވެ. ލަންކާ ފުލުހުން އަންދާޒާކުރާ ގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު ފަސް ބިލިއަން ރުޕީސްއަށް އަރާނެ އެވެ. މި މައްސަލައާ ގުޅިގެން ޖުމްލަ ހަ މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި އުޅަނދުގެ ވެރި ފަރާތް ވެސް ހިމެނެ އެވެ. އުޅަނދުގެ ވެރިފަރާތުން ބުނެފައިވާ ގޮތުގައި، މަސްވެރިކަން ކުރުމަށް އޭނާގެ ޅިޔަނަކަށް އެ ބޯޓު ހަވާލުކުރި ނަމަވެސް، މަސްވެރިކަމުގެ ބަދަލުގައި މަސްތުވާތަކެތި އެތެރެކުރުމަށް އެ ބޯޓު ބޭނުންކުރާކަން އޭނާއަށް އެނގިފައެއް ނުވެ އެވެ.





