Monday, November 2
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ: ހާލު ސީރިޔަސްވި ދިވެހި ޒުވާނާ ނިޔާވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބުނު ދިވެހި ޒުވާނާ ނިޔާވެއްޖެއެވެ.

އިއްޔެގެ ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް ހިނގި މި ހާދިސާގައި ނިޔާވީ އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ގއ. ގެމަނަފުށީ، ދިލްބަހާރުގޭ، އަލީ އަފްލާހު އަބްދުﷲ އެވެ. އުމުރުން 25 އަހަރުގެ އެ ޒުވާނާ ނިޔާވީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ.

އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ މެންދުރު ފަހު 15:44ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ހާދިސާގައި ހަ މީހަކަށް އަނިޔާވިއެވެ. ފުލުހުން ފަހުން ވިދާޅުވި ގޮތުގައި އެ ހާދިސާގައި އަނިޔާވީ ހަތަރު ދިވެހިންނަށާއި ދެ ބިދޭސީންނަށެވެ. އެ މީހުންނަށް ފަރުވާ ދިނުމަށް ގެންދިޔައީ އައިޖީއެމްއެޗްއަށެެވެ. އެ މީހުންނަށް ލިބުނި ކޮން ކަހަލަ އަނިޔާތަކެއް ކަން ސާފެއް ނޫނެވެ.

އެ ހާދިސާގައި އިއްޔެ އެކަކު ވަނީ ނިޔާވެފައެވެ. އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު