ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީ ދިނުމުގެ ކަންކަން، ޔޫތު މިނިސްޓްރީގެ ބަދަލުގައި މީޑިއާ ކޮމިޝަނަށް ބަދަލުކޮށްފިއެވެ. މި ނިންމުން އައީ، ފައިސާ ދޫކުރާނެ ގޮތުގެ ލިސްޓާ ގުޅިގެން އާންމުންގެ ފާޑުކިޔުންތަކާއި ޝަކުވާތައް ބޮޑުވެ، ޔޫތު މިނިސްޓްރީން އެ ނިންމުން މިއަދު ބާތިލުކުރުމަށް ފަހުގައެވެ.
ޔޫތު މިނިސްޓްރީން ވަނީ ޖުމުލަ 18 އަމިއްލަ މީޑިއާއަކަށް 28 މިލިއަން ރުފިޔާ ދޫކުރާނެކަން އިއުލާނުކޮށްފައެވެ. ނަމަވެސް، އެ ލިސްޓު އާންމުކުރުމާ އެކު، އެންމެ ގިނައިން ފައިސާ ލިބޭ ގޮތަށް ހަމަޖެހިފައިވަނީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށާއި ސަންގު އޮންލައިނަށެވެ. އެގޮތުން، ސަންގު ޓީވީއަށް 3.8 މިލިއަން ރުފިޔާ އަދި ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އިއުލާނުކުރިއެވެ.
މި ލިސްޓާ ގުޅިގެން ބައެއް މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށް، އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ބައެއްފަރާތްތަކުން ބުނަމުންދިޔައީ، މީޑިއާތަކުގެ ލިސްޓު އެކުލަވާލާފައިވަނީ ކުރު މުއްދަތެއްގައި ބަލަންޖެހޭ ވަރަށް ނުބަލާ ކަމަށާއި، ފައިސާ ދޫކުރުމުގައި މުވައްޒަފުންގެ އަދަދަށާއި ކުރާ މަސައްކަތުގެ ބޮޑުމިނަށް ބަލާފައި ނުވާ ކަމަށެވެ. އަދި ބައެއް ކުދިކުދި މީޑިއާތަކަށް ފައިސާ ލިބޭ ގޮތް ހަމަޖެހިފައިވާލެއް ހުރި ގޮތާމެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.
މި ޝަކުވާތަކާ ގުޅިގެން ޔޫތު މިނިސްޓްރީން މިއަދު ބުނީ، އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމާ ބެހޭ އުސޫލު އެކުލަވާލާފައިވަނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ކުރިން ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ލަފާގެ މަތިން ކަމަށެވެ. ނަމަވެސް، އާ މީޑިއާ ކޮމިޝަން އުފެދުމާއެކު، އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ ކަންކަން މިނިވަންކަމާ އެކީ ކުރެވޭނެ އެންމެ އެކަށީގެންވާ މުއައްސަސާއަކީ އެ ކޮމިޝަން ކަމަށް މިނިސްޓްރީން ދެކޭ ކަމަށް ބުންޏެވެ.
އެހެންކަމުން، މީޑިއާތަކަށް މާލީ އެހީ ދިނުމުގެ ހުރިހާ ކަމެއް މީޑިއާ ކޮމިޝަނާ ހަވާލުކޮށް، ކުރިން އިއުލާނުކުރި އުސޫލާ ގުޅޭ ހުރިހާ އިއުލާނުތައް ބާތިލުކުރުމަށް ޔޫތު މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ނިންމުމުގެ ސަބަބުން، ފައިސާ ހޯދުމަށް ލިޔެކިޔުންތައް ހުށަހެޅުން ހިމެނޭހެން ގިނަ މަސައްކަތްތަކެއް ކުރި މީޑިއާތަކަށް އަލުން އެ މަސައްކަތްތައް ކުރަން ޖެހިދާނެއެވެ. ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ.






