Monday, October 12
ޗައިނާގެ ޗޮންގްޗިންގް އެއާލައިންސްގެ ޚިދުމަތްތައްވެސް ވީއައިއޭގެ އާ ޓަރމިނަލަށް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޕެސެންޖަރ ޓަރމިނަލް، ޓީ1 އިން ޗައިނާގެ ޗޮންގްޗިންގް އެއާލައިންސް އަށް ޚިދުމަތް ދޭން ފަށައިފިއެވެ.

މިގޮތުން އައު ޓަރމިނަލުން ޗައިނާގެ ޗޮންގްޗިންގް އެއާލައިންސްގެ އޮޕަރޭޝަންތައް ފަށާފައިވަނީ ޑިޕާޗަރ ސަހައްދުގައި ބޭއްވި ރިބަން ކެނޑުމުގެ ޚާއްޞަ ރަސްމިއްޔާތަކުންނެވެ.

26 ޖުލައި 2025 ގައި ހުޅުވި ވީއައިއޭގެ އައު ޓަރމިނަލުން އެންމެ ފުރަތަމަ ޚިދުމަތް ދީފައިވަނީ މޯލްޑިވިއަންގެ އެއާބަސް އޭ330 މަތިންދާބޯޓަށެވެ. ޗޮންގްޗިންގް އެއާލައިންސް އަކީ ވީއައިއޭގެ ޓީ1 އިން ޚިދުމަތް ދޭން ފެށި 12 ވަނަ އެއާލައިނެވެ.

ރާއްޖޭގެ ތާރީޚާއި ޘަޤާފަތާއި ދީނީ ތަރިކަ ރަމްޒުކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުން ފަރުމާކޮށްފައިވާ އައު ޓަރމިނަލްގައި، ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ޤުދުރަތީ ރީތި ރަށްތަކުގެ ނަލަކަމާއި ކުލަތައް ހިމަނާފައިވެއެވެ.

އައު ޓަރމިނަލުގައި 47 ޗެކިންގ ކައުންޓަރާއި، 6 ސެލްފް ސަރވިސް ކައުންޓަރާއި، 20 ޑިޕާޗަރ އިމިގްރޭޝަން ކައުންޓަރާއި 6 ޕެސެންޖަރ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެއެވެ. އަދި މި ޓަރމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުރީގެ ޓަރމިނަލް ހުޅުވީ 1981 ވަނަ އަހަރުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު