އާދިއްތަ, November 15
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި

އއ. ތޮއްޑޫ އަދި ބ. ކަމަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މަހު 16 ވަނަ ދުވަހު ހިންގި މި ދެ އޮޕަރޭޝަނުގެ ތެރެއިން ތޮއްޑޫގައި ހިންގި އޮޕަރޭޝަނުގައި، މަސްތުވާތަކެތި ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ / ގ. އެވަރޝައިން، އާދަމް އަޝްފާގް (41އ) ކަމަށެވެ.

ފުލުހުން ބުނީ ތޮއްޑޫ ބަނދަރު ބަނދަރުމަތިން އާދަމް އަޝްފާގް ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 70 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި، އޭނާގެ ބަންދަށް ކޯޓުން އަށް ދުވަސް ޖަހާފައިވާ ކަމަށެވެ.

މީގެ އިތުރުން ކަމަދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބ. ކަމަދޫ / ސަބްނަމްވިލާ، ފާއިޤު ސަޢީދު (34އ) އެވެ.

މިގޮތުން ދަރަވަންދޫއިން ކަމަދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަދޫ ބަނދަރުމަތިން ފާއިޤު ސަޢީދު ހުއްޓުވައި ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1.2 ގުރާމު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ފުލުހުން ދަނީ މި ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު