ދަނޑުވެރިކަމާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމަށް "ދަނޑުވެރިޔާ" އެޕް މިއަހަރު ބޭނުންކުރަން ފެށޭނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަަޒީރު މިހެން ވިދާޅުވީ ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ފެހި ދިރުން އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ، ކޮންމެ ފަރުދަކަށްވެސް ރައްކާތެރި އަދި ފޯރުންތެރި ކާނާ ލިބިދިނުމަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އިސްކަންދޭންޖެހޭ ކަމެއް ކަމަށެވެ. އަދި ދަނޑުވެރިކަމުގެ ސިނާޢަތަކީ އަވަސް ދުވެލީގައި ކުރިއަރަމުން އަންނަ، އަދި ޤައުމުގެ އިޤްތިޞާދަށް ނުހަނު މުހިންމު ދައުރެއް އަދާކުރާ ސިނާއަތެއްކަަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. މާރިޔާ ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގައި ތިމާވެއްޓަށާއި އިންސާނުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ އަސާސީ މުހިންމުކަމެއްކަމަށެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންތެރި އިރުޝާދަކީ ކޮންމެ ރަށަކުންވެސް ދަނޑުވެރިކަމަށް ޚާއްޞަ ބިންތައް ކަނޑައަޅައި، އަމިއްލައަށް ފުދޭވަރަށް ކާބޯތަކެތި އުފެއްދުމަށް މަސައްކަތްކުރުންކަމަށާއި މި މުހިންމު މަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެމުންކަމަށް ވިދާޅުވިއެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 7000 އަށްވުރެ ގިނަ ދަނޑުވެރިން މަސައްކަތްކުރަމުން އަންނަކަމަށާއި މި ދާއިރާގައި ޚާއްޞަ އެއް ކަމަކީ، މި ސިނާޢަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނައީ ހީވާގި ކަނބަލުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މިއީ އަންހެނުންގެ އިޤްތިޞާދީ ބާރުވެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.