ފުލުހުންގެ ޚިދުމަތް އަތޮޅުތެރޭގައި ޤާއިމުކުރުމަށް ޕޮލިސް ސްޓޭޝަން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި ޚިދުމަތުން ދޭ މަޢުލޫމާތާއި އެއްގޮތަށް 36 ރަށެއްގައި ފުލުހުންގެ އިމާރާތްތައް ޤާއިމުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
މިގޮތުން ރަޖިސްޓްރީވުމަށް އެދޭފަރާތްތަކުން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު އީމެއިލް ފޮނުވުމުން ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލް ކުރެވޭނެ ކަމަށާއި، ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2025 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 12:00 ކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.
ރަޖިސްޓްރޭޝަން ފުރިހަމަކުރާ ފަރާތްތަކަށް، ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ އެންމެހައި މަޢުލޫމާތު އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށާއި، ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2025 އޮކްޓޫބަރު 19 ވަނަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ސާފުކުރެވޭނެ ކަމަށްވެސް އިޢުލާނުގައި ވެއެވެ.
މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އަމާން މުޖުތަމަޢުއެއް ކަށަވަރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު މީގެތެރޭގައި ފުލުހުންގެ ޚިދުމަތް ސަރަހައްދީ ފެންވަރުގަިއ ތަރައްޤީކުރުމަށް ބޭނުންވާ ޢިމާރާތާއި، އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށާއި، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމަށާއި ތަރައްްޤީކުރުމަށް ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރުން ހިމެނެއެވެ. އަދި ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްޤީ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.