އާދިއްތަ, November 15
ކެފޭތަކުން ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒު ނެގުމަށް އަނެއްކާވެސް އަންގައިފި

ކެފޭތަކުން ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒު ނެގުމަށް އަނެއްކާވެސް އަންގައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައާއި ހެޖުތެރޭގައި ބަހައްޓާފައިވާ ގޮނޑި އަދި މޭޒުފަދަ ތަކެތި ނެގުމަށް އެ ކޯޕަރޭޝަނުން 1 އޮގަސްޓު 2024 ގައި ކުރި އިޢުލާނުން އަންގާފައިވީ ނަމަވެސް، ގިނަ ފަރާތްތަކުން އަދިވެސް އެ ސަރަހައްދުތަކުގައި ގޮނޑިއާއި މޭޒު ޖަހައިގެން ކެފޭ ޚިދުމަތް ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާ ގޮތަށް ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ މަނާކަމެއް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން، ބިޔަޒާ ޒާތުގެ ގަސްތައް ހެޖުތެރޭގައި އިންދާފައި ހުރުމުގެ ސަބަބުން ހުޅުމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެން ބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވާތީ، އެފަދަ ބިޔަ ގަސްތައް ނެުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

ވީމާ، ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖުތެރޭގައި ބަހައްޓާފައިވާ އެންމެހައި ގޮނޑިއާއި މެޡުފަދަ ތަކެތި، އޮކްޓޫބަރު 23 ވާ ބުރާސްފަތި ދުވަހުގެ ކުރިން ނެގުމަށް އެޗްޑީސީން ވަނީ އަންގައިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އެތަކެތި ނަގާފައި ނުވާނަމަ، ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖުތެރޭގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒުފަދަ ތަކެއްޗާއި، ހެޖުތެރޭގައި ހައްދާފައިވާ ބިޔަ ގަސްތައް ނަގައި، އެ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އަދި މި މަސައްކަތުގެ ތެރެއިން މުދަލަށް ލިބިދާނެ ގެއްލުމަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށްވެސް އެޗްޑީސީގެ އިޢުލާނުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު