އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ އިމިގްރޭޝަންގެ ސަރަހައްދީ އޮފީސްތަކުން މިދިޔަ ސެޕްޓެންބަރު މަހު ޖުމުލަ 960 ޕާސްޕޯޓު ދޫކުރި ކަމަށް އެ މުއައްސަސާއިން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން މިދިޔަ މަހު ޕާސްޕޯޓު ދޫކޮށްފައިވަނީ އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ އޮފީހުންނެވެ. މިގޮތުން އައްޑޫ ސިޓީ މަރަދޫގައި ހުންނަ އިމިގްރޭޝަނުން މިދިޔަ މަހު 146 ޕާސްޕޯޓު ދޫކޮށްފައިވެއެވެ. މީގެ އިތުރުން ކުޅުއްދުއްފުށި ސިޓީން 144 ޕާސްޕޯޓު މިދިޔަ މަހު ދޫކުރިއިރު، ލ. ފޮނަދޫން 122 ޕާސްޕޯޓު، ގދ. ތިނަދޫން 111 ޕާސްޕޯޓު އަދި ރ. އުނގޫފާރުން 100 ޕާސްޕޯޓު މިދިޔަ މަހު ދޫކުރިއެވެ.
މީގެ އިތުރުން ފުވައްމުލަކުން 65، ހއ. ދިއްދޫން 70، ދ. ކުޑަހުވަދޫން 47، ށ. ފުނަދޫން 57، ނ. މަނަދޫން 34، ހއ. އިހަވަންދޫން 11، އއ. ރަސްދޫން 9 ޕާސްޕޯޓުގެ އިތުރުން ވ. ފެލިދޫއާއި، ފ. ނިލަންދޫއާއި، މ. މުލި، ބ. އޭދަފުށި، ތ. ވިލުފުށި އަދި ތ. ވޭމަންޑޫން ކޮންމެ ރަށަކުން އެއް ޕާސްޕޯޓު މިދިޔަ މަހު ދޫކޮށްފައިވެއެވެ.
އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު މާލެއިން 2،115 ޕާސްޕޯޓު ދޫކޮށްފައިވާއިރު، ހުޅުމާލެ ފޭސް 2 އިން 367، ފޭސް 1 އިން 386 އަދި ވިލިމާލެއިން 36 ޕާސްޕޯޓު ދޫކޮށްފައިވެއެވެ.
އަދި މެލޭޝިއާގައި ޤާއިމްކޮށްފައިވާ އިމިގްރޭޝަންގެ އޮފީހުން މިދިޔަ މަހު ދޫކުރީ 20 ޕާސްޕޯޓެވެ. އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ މަހު 25 ޕާސްޕޯޓެއް ގެއްލިގެން ވެސް ރިޕޯޓުކޮށްފައިވެއެވެ.
މިދިޔަ މަހު ޖުމުލަކޮށް ޕާސްޕޯޓަށް އެދި ލިބުނު 3،897 އެޕްލިކޭޝަން ޕްރޮސެސްކޮށްފައިވާއިރު، ދޫކޮށްފައިވަނީ ޖުމުލަ 3،884 ޕާސްޕޯޓެވެ.





