ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން، 2025 ވަނަ އަހަރުގެ ވޯލްޑް މެރިޓައިމް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގެ ފުޖިއާން ޕްރޮވިންސަށް ފުރާވަޑައިގެންފިއެވެ.
އޮކްޓޯބަރ 16 އިން 19 އަށް، ފުޖިއާން ޕްރޮވިންސްގެ ވެރިރަށް ފުޒޫގައި ބާއްވާ ވޯލްޑް މެރިޓައިމް ކޮންފަރެންސް 2025 ގައި 50 އަށްވުރެ ގިނަ ޤައުމުތަކުންނާއި ސަރަޙައްދުތަކުން 800 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެއެވެ.
"ވޯލްޑް މެރިޓައިމް އިކުއިޕްމަންޓް ކޮންފަރެންސް 2025" ގެ ނަމުގައި ކުރިއަށްގެންދާ މި ކޮންފަރަންސަކީ، ކަނޑުދަތުރުފަތުރުގެ އަދި އުޅަނދުފަހަރު ބަނދަރުކުރުމުގެ ސިނާއަތާބެހޭ ދުނިޔޭގެ އެންމެ ބޮޑެތި އެއް ބައްދަލުވުމެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނާއި، އިސް ލީޑަރުންނާއި، ސިނާއަތުގެ މާހިރުން ބައިވެރިވެ، އުޅަނދުފަހަރު ބަނދަރުކުރުމުގެ ދާއިރާއާއި ބަނދަރުތަކުގެ ޓެކްނޮލޮޖީއާއި ދެމެހެއްޓެނިވި ކަނޑުދަތުރުފަތުރުގެ ތަރައްޤީއަށް އަންނަ އެންމެ ފަހުގެ އީޖާދުތަކާ ބެހޭ ގޮތުން މަޝްވަރާކުރާނެއެވެ.
މި ކޮންފަރެންސް އޮންނާނީ ފުޒޫ ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރގައެވެ. މި ކޮންފަރެންސްއާ ގުޅިގެން "ޗައިނާ މެރިން އިކުއިޕްމަންޓް އެކްސްޕޯ 2025" ގެ ނަމުގައި ބޮޑު މައުރަޒެއްވެސް ކުރިއަށްގެންދާނެއެވެ. 100,000 އަށްވުރެ ގިނަ އަކަ މީޓަރުގެ ސަރަޙައްދެއްގައި ކުރިއަށްގެންދާ މި މައުރަޒުގައި ދުނިޔޭގެ 700 އަށްވުރެ ގިނަ ކަނޑުދަތުރުފަތުރުގެ ކުންފުނިތަކުން ބައިވެރިވާނެއެވެ. މައުރަޒުގެ އިތުރުން ކޮންފަރެންސްގައި ހުޅުވުމުގެ ރަސްމިއްޔާތަކާއި، 13 ތަފާތު ސަބް-ފޯރަމްއާއި، އިންޓަރނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައި.އެމް.އޯ) އާ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ސެމިނާރތަކެއްވެސް ހިމެނެއެވެ. މި ސެޝަންތަކުގައި މެރިޓައިމް ސެކްޓަރުގެ ކުރިމަގާއި، ޓެކްނޮލޮޖީގެ އީޖާދުތަކާއި، ދެމެހެއްޓެނިވި ކަނޑުގެ އިޤްތިޞާދީ ކުރިއެރުމާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެއެވެ.
ވޯލްޑް މެރިޓައިމް އިކުއިޕްމަންޓް ކޮންފަރެންސަކީ، މެރިޓައިމް ސެކްޓަރުގައި ދެމެހެއްޓެނިވި ތަރައްޤީއެއް ހޯދުމަށް ބައިނަލްއަޤުވާމީ މުހިންމު މަންސައެކެވެ. އުޅަނދުފަހަރު ބަނދަރުކުރުން އަދި ބަނދަރުތަކުގެ މަސައްކަތް ޑިޖިޓަލައިޒްކޮށް، ސާފު އަދި ފަންނުވެރި ޓެކްނޮލޮޖީތައް ބޭނުންކުރުމަށް ދުނިޔެއިން ކުރާ މަސައްކަތްތައް މި ކޮންފަރެންސްއިން ދައްކުވައިދޭނެއެވެ.





