އާދިއްތަ, November 15
ފީވަކު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ށ. ފީވަކުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފީވަކަށް ކުރެއްވި ދަތުރުފުޅުގައި، އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އެރަށު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރު ހަސަން މުފީދުގެ އިތުރުން ފީވަށް ރަށު ކައުންސިލްގެ ރައީސް ޢަލީ ރަޝީދު ޙަސަންއެވެ.

މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރު ތެރޭގައިވެސް މިހާރު ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ފުލުހުންގެ އިމާރާތްތައް ނިމުމުން ކުށުގެ ވެށިން މީހުން ދުރުކުރުމަށް ޚާއްސަ ޕްރޮގުރާމެއް ފެށުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ދާޚިލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ ސްޓޭޝަންތަކުގައި ތަޙުޤީޤުކުރެވޭނެ ގޮތްގޮތާއި އިންޓަލެޖެންސް ސެލްތަކާއި ކަސްޓޯޑިއަލް ސެލްތަކުގެ އިތުރުން ވެހިކަލް ޓޯވިން ފެސިލިޓީއާއި ފުލުހުންގެ ވެހިކަލް މަރާމާތުކުރެވޭނެ ފެސިލިޓީތައް ޤާއިމުކުރެވޭނެއެވެ. އަދި މި ފެސިލިޓީތައް ރަށްރަށުގައި ޤާއިމުކުރެވުމާއެކު ކުށުގެ ވެށި ނައްތާލުމަށާއި ކުށުގެ ވެށީގައި މީހުން ހަރުނުލާނެ ގޮތްގޮތަށް ފުލުހުންގެ މަސައްކަތް ތަރުތީބުކުރުމަށް ޚާއްސަ ޕްރޮގުރާމެއް ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު