މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މިގޮތުން މެޓް އޮފީހުން ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މިރޭ 9:00 އިން މެންދަމު 3:00 އަށް ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ.
މީގެ އިތުރުން މެޓް އޮފީހުން ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މިރޭ 7:30 އިން މެންދަމު 1:00 އަށް ކ. އަތޮޅުން އައްޑޫ ސިޓީއަށް ވެސް ހުދު ސަމާލު ނެރެފައެވެ.
އޮކްޓޫބަރު 13 ގެ 10:00 އިން އޮކްޓޫބަރު 14 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
މީގެ އިތުރުން ހުޅަނގުއުތުރާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
އަދި ކަނޑުތައް ގަދަވާނެ ކަމަށާއި، ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން ވަނީ އަންގައިފައެވެ.






