ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތާއި، މޫދަށް އެރޭނެ ސަރަހައްދަކާއި އޮޑިއެހެލައި، މަރާމާތު ކުރެވޭނެ ތަނެއްގެ އިތުރުން ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، އާރު.ޓީއެލް ދަތުރުގެ ރޫޓު ބަދަލުކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ. ރަށުގެ ތަރައްޤީއަށް ބޭނުންވާ އެހެން ކަންކަމުގެ ތެރޭގައި ސްކޫލަށް ލައިބްރަރީއަކާއި، މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ރަށުގެ ޞިއްހީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފެށޭނެގޮތް ހަމަޖައްސަވައިދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިވަޑައިގންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.





