އާދިއްތަ, November 15
ހެކީގެ ގޮތުގައި ހިފެހެއްޓި ފޯނެއްގައި ހުރި ފޮޓޯއެއް ލީކުވި ކަމަށް ކުރެވޭ ތުހުމަތުތައް ފުލުހުން ދޮގުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުން ހެކީގެ ގޮތުގައި ހިފެހެއްޓި ފޯނެއްގައި ހުރި ފޮޓޯއެއް ލީކުވި ކަމަށް ކުރެވޭ ތުހުމަތުތައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުން ތަޙުޤީޤު ކުރާ މައްސަލަތަކާ ގުޅިގެން ބެލުމުގެ ދަށަށް ގެނެވޭ ހެކި، ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން، ބެލެހެއްޓުމުގައި ބައިނަލްއަޤްވާމީ މިންގަޑުތަކާ އެއްގޮތްވާ ހަރުދަނާ އުސޫލުތަކެއް ޤާއިމްކުރެވިފައިވާ ކަމަށާއި، މި އުސޫލުތަކުގެ ދަށުން އެ ތަކެއްޗާއި އޭގައި ހިމެނޭ މަޢުލޫމާތު ރައްކާތެރިކަން ފުރިހަމައަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ފުލުހުންގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯނަކުން މަޢުލޫމާތު ލީކުވުމުގެ ފުރުޞަތު ނޯންނާނެ ކަމުގައި ފުލުހުން ބުންޏެވެ.

"ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނެއްގައި ހުރި ފޮޓޯ އެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާ ކަމަށް ކުރާ ތުހުމަތަކީ އެއްވެސް ޙަޤީޤަތެއް އެކުލެވިގެން ނުވާ ދޮގު ތުހުމަތެއް"، އެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ ފުލުހުންގެ ތަޙުޤީޤުތައް ކުރިއަށްގެންދަނީ ޕްރޮފެޝަނަލް ކަމާއެކު ޤާނޫނީ ހަމަތަކުގެ މަތިން، ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށެވެ.

"މި ޚިދުމަތުގެ މަސައްކަތްތަކުގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމާއި، ޕްރޮފެޝަނަލް މިންގަޑުތައް ހިފެހެއްޓުމަކީ އަބަދުވެސް އިސްކަންދެވޭ ކަންކަން"، ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު