މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މިގޮތުން މެޓް އޮފީހުން ވަނީ މިރޭ 11:20 އިން ފަތިހު 5:00 އާ ހަމައަށް، ފ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފައެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައ ިވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވެފައި އުދަ އަރާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
އޮކްޓޫބަރު 11 ގެ 10:00 އިން އޮކްޓޫބަރު 12 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
މީގެ އިތުރުން ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން ވަނީ އަންގައިފައެވެ.





