Saturday, October 31
ބައްސާމް 4 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާތަކަކަށް ހިޔާނާތްތެރިވި މައްސަލަ ސާބިތުވެ އޭނާ ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ބައްސާމްގެ މައްޗަށް ދައުލަތުން ހިޔާނާތުގެ ދައުވާކުރީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި އޭނާ ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000ރ.) ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެ އެވެ. އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖްތައް އުނިކުރުމަށްފަހު ކަމަށްވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.

އަދަބު ކަނޑައަޅުއްވަމުން ގާޒީ ޝަފީއު ވިދާޅުވީ އެ ފައިސާ މިހާތަނަށް ވެސް ބައްސާމް އަނބުރާ ދައްކާފައި ނުވާއިރު، އެ ފައިސާ ޖަމާވި ދުވަސްވަރު ސިންގަޕޫރުގެ އެކި ތަންތަނުން އަގުހުރި ތަކެތި ގަނެފައިވާކަން އެނގޭ ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެކި ފަރާތްތަކުން ރާއްޖެއަށް ދޭ ފައިސާ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެގެން ބައްސާމްގެ އަމިއްލަ ބޭނުންތަކަށް ބޭނުން ކޮށްފައިވާތީ ދައުލަތުން އެދުނު ގޮތަށް އެ ކުށަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންވެ، ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކުރެއްވީ ކަމަށް ގާޒީ ޝަފީއު ވިދާޅުވި އެވެ.

އެ މައްސަލާގައި މަނީ ލޯންޑްރިންގެ ދައުވާއެއް ބައްސާމްގެ މައްޗަށް ދައުލަތުން ކުރި ނަމަވެސް މައްސަލާގެ ހުކުމް މިއަދު އިއްވާފައި ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު