އާދިއްތަ, November 15
އަންނަ އަހަރު ދައްކަން ޖެހެނީ ރައީސް ޔާމީނާއި ރައީސް ޞާލިޙްގެ ސަރުކާރުން ނެގި ދަރަނި: މެންބަރު ޠާރިޤު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަ އަހަރު ދައްކަން ޖެހެނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ނެގި ދަރަނިތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެވެ.

ރައީސް އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަހިބަދޫއަށް ވަޑައިގެން ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ޠާރިޤުވިދާޅުވީ ކޯވިޑް-19 ނިމިގެން މަޖިލީހުގައި ވާހަކަދައްކަމުން ދިޔައިރު، ރާއްޖޭގެ ދަރަނި ނަގަމުންދަނީ ޒިންމާދާރު ގޮތަކަށް ނޫން ކަމުގައި ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށެވެ.

"އޭގެތެރޭގައި ޚާއްޞަކޮށް ރާއްޖޭގެ ދަރަނި ނެގުމަށްޓަކައި އޭރުގެ ސަރުކާރުން އަމީނިއްޔާ ސްކޫލާއި ދަރުމަވަންތަ ހޮސްޕިޓަލާއި އޮލިމްޕަސް ފަދަ ތަންތަން ރަހުނުކޮށްފައި ތިގޮތަށް ހަދަން ހެޔޮ ނުވާނެ ވާހަކަ"، ޠާރިޤު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މިއަދު އެ ދަރަނި ދައްކަން ޖެހި، އޭގެ އުނދަގޫ މުޅި އިޤުތިޞާދަށް ފޯރައިގެން ގޮސްފައިވާ ކަމަށެވެ.

އަދި، ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި ރާއްޖެއިން ބޭރަށް އިޝޫކޮށްފައިވާ 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް ބޮންޑު" ދެއްކުމަށާއި އިތުރު ފައިސާ ނެގުމަށްޓަކައި އެމްޑީޕީ ސަރުކާރުގެ ތެރެއިން 500 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކާފައިވާ ކަމަށާއި، މި ސުކޫކުގައި ރަހުނުކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލާއި އަމީނިއްޔާ ސްކޫލާއި އިތުރު ސްކޫލްތައް ކަމަށް މެންބަރު ޠާރިޤު ވިދާޅުވިއެވެ.

"އެ ސްކޫލްތައް ރަހުނުކޮށްފައި ހުރި ބޮންޑުތައް މި އަންނަ އަހަރު، 2026 ވަނަ އަހަރު އަޅުގަނޑުމެން ދައްކަން ޖެހެނީ. 500 މިލިއަން ޑޮލަރު"، އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޠާރިޤު ވިދާޅުވީ ކޯވިޑް-19ގެ ހާލަތުގައި ދުނިޔޭގެ އިޤުތިޞާދުގެ ތެރެއަށް ލެންޑުކުރާ ފަރާތްތަކުން ފައިސާ ދޫކުރަމުންދިޔައިރު، އެމްޑީޕީ ސަރުކާރުން އެސްޓީއޯ މެދުވެރިކޮށް 150 މިލިއަން ޑޮލަރު ނަގާފައިވާ ކަމަށާއި، އެ ފައިސާގެ ތެރެއިން ބޮޑު ބައެއް މި އަހަރުގެ ތެރޭގައި މި ސަރުކާރުން ދައްކާފައިވާ ކަމަށެވެ.

އަދި އަންނަ އަހަރު ދައްކަން ޖެހެނީ ކުރީގެ ދެ ރައީސުން ނެންގެވި ދަރަނި ކަމަށާއި، އެއީ ރައީސް ޔާމީންގެ ސަރުކާރުގައި ނެގި "ސަނީ ސައިޑް" ބޮންޑުގެ އިތުރުން ރައީސް ޞާލިޙްގެ ސަރުކާރުން ނެގި 250 މިލިއަން ޑޮލަރާއެކު ޖުމުލަ 500 މިލިއަން ޑޮލަރުގެ ދަރަނި ކަމަށާއި، އަންނަ އަހަރު ރައީސް ޑރ. މުޢިއްޒު ދައްކަވަން ޖެހިވަޑައިގަންނަވާނީ އެ ދަރަނި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު