އާދިއްތަ, November 15
ރައީސް މަހިބަދޫ ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ވަނީ، ރަށުގައި ކުނި މެނޭޖްކުރުމަށް ހުރި ދަތިތަކާއި، ބަނދަރުގައި އޮޑިދޯނިފަހަރު ފަސޭހައިން އަޅާފައި ބޭއްވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން އައު ހޮސްޕިޓަލްގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުންފިލުވައިދެއްވުމަށް ކައުންސިލް މެންބަރުން އެދިވަޑައިގެންނެވިއެވެ.

އަދި، ރަށުގެ ބިންހިއްކުމުގެ މަޝްރޫޢާއެކުގައި ހައުސިންގ ޔުނިޓްގެ މަސައްކަތް ބާރަށް ކުރިއަށްގެންދަވައި، ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. ކައުންސިލް މެންބަރުންގެ ވާހަކަފުޅުގައި މަހިބަދޫގެ އިހްތިޞާޞްގައި ހިމެނޭ މާފަރު ފަޅު ހިއްކުމުގެ މަސައްކަތް މިއަދު ފައްޓަވައިދެއްވާފައިވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު