ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ލީޑަރޝިޕް އިތުރުކުރުމަށާއި އަންހެން ފުލުހުންގެ ދައުރު ފުޅާކުރުމަށާއި އަންހެން ފުލުހުންގެ ކުރިއެރުވުމަށްޓަކައި ކުރިއަށް ގެންދިޔަ " މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓް 2025" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި އޮކްޓޫބަރު މަހުގެ 4 އިން 6 އަށް ކްރޮސް ރޯޑުގައި ކުރިއަށް ގެންދިޔަ މި ސަމިޓް ނިންމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއަރޕާރސަން އައިޝަތު ނޫރައިން ޖަނާހް އެވެ. މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ގެ ޗެއަރޕާރސަން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތި ނަޝްވާ އާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
ތިން ދުވަހުގެ މި ސަމިޓުގައި ސަލާމަތީ އަދި ގާނޫނު ތަންފީޒީ އިދާރާތަކުގައި މަސައްކަތްކުރާ 50 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ. އޭގެެތެރޭގައި ސަލާމަތީ އަދި ގާނޫނު ތަންފީޒީ ދާއިރާގައި މަސައްކަތްކުރާ ރާއްޖޭގެ 7 އިދާރާއަކާއި އެކި ގައުމުތައް ހިމެނޭހެން 10 ފަރާތެއް ހިމެނެއެވެ. އެގޮތުން ޔޫ.އެން.ޑީ.ޕީ، ޔޫ.އެން ވިމަން، އިންޓަރޕޯލް، އިންޓަރޕާ ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކާއި، ސަރަހައްދީ ބައިވެރިން ކަމަށްވާ އެފް.ބީ.އައި، އޭ.އެފް.ޕީ، ޑީ.އީ.އޭ، މެލޭޝިއާގެ ރޯޔަލް ފުލުހުން، ސިންގަޕޫރު ފުލުހުން، ސްރީލަންކާ ފުލުހުން، އިންޑިއާގެ ސަރުދާރު ވައްލަބާއި ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީ، ރޯޔަލް ކެނެޑިއަން މައުންޓެޑް ޕޮލިސް އަދި ބައިނަލްއަގުވާމީ އަންހެން ފުލުހުންގެ ޖަމުއިއްޔާތަކުންވެސް ބައިވެރިވެފައިވެއެވެ.
މީގެ އިތުރުން، ބަންގްލަދޭޝް، ޖަޕާން، ޗައިނާ، އިންޑޮނޭޝިއާ، ޕާކިސްތާން، ސަޢޫދީ ޢަރަބިއްޔާ، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ކެނެޑާ، އޮސްޓްރޭލިއާ، ޔުނައިޓެޑް ސްޓޭޓްސް އަދި ޔުނައިޓެޑް ކިންގްޑަމްގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ބައިވެރިން ވެސް މި ސަމިޓުގައި ބައިވެރިވެ، މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ސަމިޓްގައި މި ދާރާއިގައި ހަރަކަތްތެރިވާ އަންހެން ފުލުހުންނާއި ތަންފީޒީ އިދާރާތަކުގައި މަސައްކަތްކުރާ އަންހެނުންނާއި، އެހެނިހެން އިދާރާތަކުގައި މަސައްކަތްކުރާ އަންހެން ބޭފުޅުންގެ މަސައްކަތްތެރިކަމުގެ ހުނަރުތައް ތަރައްޤީކުރުމާއި އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަމަށް ހައްލު ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި މި ސަމިޓުގައި ތަހުގީގުކުރުމާއި ޓެކްނިކަލް ދާއިރާތަކާއި އިންޓެލިޖެންސްގެ ދާއިރާއިން ކުރިއަށް ގެންދިއުމުގެ އިތުރުން، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި އިދާރާތަކުގެ މަސައްކަތުގެ ތަޖުރިބާއާ ހުނަރުތައް ހިއްސާކޮށް ތަރައްޤީކުރުމާ ގުޅޭގޮތުން ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ކްރޮސްރޯޑުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ސަމިޓްގެ ތެރެއިން ވަނީ އަންހެން ފުލުހުންގެ ހިދުމަތް ރަމްޒުކޮށްދޭ ‘’ޗެލެންޖް ކޮއިން” އިފްތިތާހުކުރުމާއި "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ" ފޮތް ނެރުމުގެ އިތުރުން ސަލާމަތީ އަދި ގާނޫނު ތަންފީޒުކުރުމުގައި މަސައްކަތްކުރާ ރާއްޖޭގެ ފަސް އިދާރާގެ މެދުގައި ލީޑަރޝިޕް އަދި ކެޕޭސިޓީ ޑެވެލޮޕްމަންޓްގެ ދާއިރާއިން ޑިކްލަރޭޝަނެއްގައި ސޮއިކޮށްފައެވެ.