އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެ ކުންފުނީގެ ލޯނު ޕޯޓްފޯލިއޯ ޝަރީޢާ ހުއްދަކުރާ ޕޯޓްފޯލިއޯއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެސްޑީއެފްސީން މިއަދު ހާމަކުރި ގޮތުގައި އެންމެ ފުރަތަމަ އެސްޑީއެފްސީ އިން ބޭނުން ކުރަމުންދާނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރާ ޑިމިނިޝިންގ މުޝާރަކާ ކޮންޓްރެކްޓެވެ. އަދި އިންތިޒާމުތައް ހަމަޖެހެމުންދާވަރަކުން ކުރިއަށް އޮތްތާގައި، ވަކާލާ ބިލް އިސްތިޘްމާރު އަދި ތަވައްރުޤު ފަދަ އިސްލާމިކް ބޭންކިންގެ ކޮންޓްރެކްޓްތަކުގެ އެހީގައި މި ބަދަލުތައް ގެނައުން އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެސްޑީއެފްސީން ބުންޏެވެ.
އަދި ބޭންކް އޮފް މޯލްޑިވްސްގެ ޝަރީއާ ކޮމްޕްލަޔަންޓް ޑިޖިޓަލް ސަބްސިޑިއަރީއެއްގެ ގޮތުގައި އެސްޑީއެފްސީން އައު ބާބެއް ފަށާއިރު، މި ބަދަލަކީ ދިވެހިރާއްޖޭގެ އެސްއެމްއީ ސެކްޓަރަށް އައު އީޖާދީ ހައްލުތައް ހޯދައިދިނުމާއި މާލީ ބައިވެރިވުން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
އެސްޑީއެފްސީން ބުނީ މި ބަދަލުގެ މުހިންމު ބައެއްގެ ގޮތުގައި، އެސްޑީއެފްސީ އިން ދޫކޮށްފައިވާ ކޮންވެންޝަނަލް ފެސިލިޓީތައް، ޝަރީޢާ ހުއްދަކުރާ ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ފެށޭނެ ކަމަށާއި، މީގެ ތެރޭގައި ހާއްސަ އިސްކަމެއް ދީގެން، ކުރިން ލޯނު ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ، ދޫކޮށްފައިވާ ލޯނުތަކަށް ފައިސާދެއްކުން ދަތިވެފައިވާ ފަރާތްތަކަށް ހައްލު ހޯދައިދިނުން ހިމެނޭ ކަމަށެވެ. މިގޮތުން އިސްލާމިކް ރިފައިނޭންސިންގ އުސޫލުތަކުގެ ތެރެއިން ފައިސާ ޚަލާސްކުރަން އޮންނަ މުއްދަތު އިތުރުކޮށްދިނުން ފަދަ ލުއިތައް ހޯދައިދިނުން ހިމެނޭ ކަމަށާއި، މިބަދަލާއެކު، ޝަރީޢާ ހުއްދަކުރާ އުޞޫލުތަކުގެ ތެރެއިން، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފެސިލިޓީތައް ރެގިއުލަރައިޒް ކުރުމުގެ މަގުފަހިވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.
ކުރިއަށް އޮތް މަސްތަކުގައި މި ބަދަލުތައް އެކި މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭއިރު، ފުރަތަމަ މަރުހަލާ މިއަދު ފެށޭނެއެވެ. އަދި އަމާޒަކީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ނިޔަލަށް މިބަދަލުތައް ގެނެސްނިންމާލުން ކަމަށް އެސްޑީއެފްސީން ބުންޏެވެ.
މީގެ އިތުރުން އެސްޑީއެފްސީން ބުނީ ކަސްޓަމަރުންނަށް މިކަމާ ގުޅޭ މަޢުލޫމާތު ބައިބަޔަށް ބަހާލައިގެން އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ދެމުންދާނެ ކަމަށާއި، އޮމާންކަމާއެކު މި ބަދަލުތައް ގެނައުމުގެގޮތުން ކަސްޓަމަރުންނާ ސީދާ ގުޅައިގެންވެސް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އެސްޑީއެފްސީގެ ތާރީހުގައި ގެންނަ އެންމެ ފާހަގަކޮށްލެވޭ ބަދަލާއެކު އަޅުގަނޑުމެން މި ކުންފުނި ހިންގަމުންދާނީ ބޭންކް އޮފް މޯލްޑިވްސްގެ ޝަރީޢާ ކޮމްޕްލަޔަންޓް ޑިޖިޓަލް ސަބްސިޑަރީއެއްގެ ގޮތުގައި. މި ފިޔަވަޅާއެކު، ލޯލަނަށް ފައިސާ ދެއްކުމުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދިމާވެފައިވާ ދަދިތަކަށް ލުއި ލިބި، ޝަރީޢާ އުޞޫލުން އެކަންކަން ހަމަ މަގަށް އެޅުވުމަށް ފުރުސަތު ފަހިވެގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ އައު އީޖާދުތަކާއެކު، ޓެކްނޮލޮޖީގެ ތެރެއިން، ކުދި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ފަސޭހައިން ވާސިލުވެވެނިވި ވަށައިޖެހޭހައްލުތަކެއް ހޯދައިދިނުން"، މި ބަދަލުތަކާ ގުޅޭގޮތުން އެސްޑީއެފްސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.






