އާދިއްތަ, November 15
ބަންގްލަދޭޝްގެ އާ ސަފީރު ޚާރިޖީ ވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ބަންގްލަދޭޝް އިން ދިވެހިރާއްޖެ އަށް ކަނޑައެޅުއްވި އައު ސަފީރު ޑޮކްޓަރ އެމް.ޑީ. ނަޒްމުލް އިސްލާމް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، ވަޒީރު ޑރ. ޚަލީލު ވަނީ ސަފީރު ޑރ. އިސްލާމް، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަށް އެރުވުމުން އެކަމަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ވަޒީރުގެ ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް އެކުވެރި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މުސްތަޤްބަލުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު ގުޅުން ޤާއިމުކޮށްފައިވާ ދާއިރާތަކުން، ޚާއްޞަކޮށް ތައުލީމީ، އިޤްތިޞާދީ އަދ ޘަޤާފީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރާނެގޮތްތަކާއިމެދު ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ދެ ޤައުމުގެ ލާބަޔާއި މަންފާއަށް، އިސްކަންދޭ ދާއިރާތަކާއި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން އެކުގައި މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ދެބޭފުޅުން ވާހަކަ ދެއްކެވިއެވެ.

ވަޒީރުގެ އަރިހުގައި، ސެކްރެޓަރީ އާމިނަތު ޝަބީނާ އާއި އެމްބެސެޑަރ-އެޓް-ލާޖް ޑރ. މުހައްމަދު ފަހުމީ ޙަސަން އާއި އެޑިޝަނަލް ސެކްރެޓަރީ އާމިނަތު ޢަބްދުﷲ ދީދީ އަދި ޕޮލިޓިކަލް ޑިރެކްޓަރ މުހައްމަދު އަޒްކާން އަޝްރަފު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު