އާދިއްތަ, November 15
މީޑިއާ ކޮމިޝަންގެ އިންތިޚާބު: ބްރޯޑްކާސްޓަރުންނާއި މީޑިއާގެ ފަރާތުން ވޯޓުލާން ރަޖިސްޓްރީކުރަން ހުޅުވާލައިފި

މި ހިނގާ އޮކްޓޫބަރު މަހުގެ 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިޚާބުގައި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާ ތަކުގެ ފަރާތުން، ވޯޓުދިނުމަށްޓަކައި އެ ފަރާތްތަކުން ކަނޑައަޅާ މީހަކު ރަޖިސްޓަރީކުރުމުގެ ފުރުޞަތު ހުޅުވާލައިވިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި އިންތިޚާބުގައި ވޯޓު ލެވޭނީ މި ފުރުސަތުގައި ރަޖިސްޓަރީ ވާ ފަރާތްތަކަށް އެކަނި ކަމަށާއި، ކޮންމެ މީހަކަށް ތަމްސީލު ކުރުވޭނީ އެއް ބްރޯޑްކާސްޓަރ/މީޑިއާ ކަމުގައެވެ.

އީސީން ބުނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހެޅޭނީ، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ގޮތުގައި އެ ކޮމިޝަނުން ޢާންމު ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަނުގެ މައިޕޯޓަލް މެދުވެރިކޮށެވެ. ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ އޮންލައިން ޕޯޓަލްގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ. އަދި ވޯޓުލާން ރަޖިސްޓަރީކުރާ ފަރާތަށް އެކަން ހަވާލުކޮށްފައިވާކަން އެނގޭނޭ ލިޔުން ހުށަހަޅަންވާނެއެވެ.

އީސީން ބުނީ ބްރޯޑްކާސްޓަރ/މީޑިއާއަކީ ކުންފުނި ނުވަތަ ހިންގާ ކޮމިޓީއެއްގެ ދަށުން ހިންގާ ތަނެއްނަމަ، ވޯޓުލާން ރަޖިސްޓަރީކުރާ ފަރާތަށް އެކަން ހަވާލުކޮށްފައިވާކަން އެނގޭނެ ކުންފުނީގެ  ބޯޑު ނުވަތަ ހިންގާ ކޮމިޓީގެ ނިންމުމެއް ޕޯޓަލް އަށް އަޕްލޯޑްކުރަންވާނެ ކަމަށެވެ. އަދި ބްރޯޑްކާސްޓަރ/މީޑިއާ އަކީ ސަރުކާރުގެ ވުޒާރާ ނުވަތަ ސަރުކާރުގެ އިދާރާއެއްގެ ދަށުން ހިންގާ ތަނެއްނަމަ، ވޯޓުލާން ރަޖިސްޓަރީކުރާ ފަރާތަށް އެކަން ހަވާލުކޮށްފައިވާކަން އެނގޭނެ ލިޔުމެއް މިނިސްޓަރ ނުވަތަ އެއިދާރާއެއްގެ އިސްވެރިއެއްގެ ސޮއިކޮށް ޕޯޓަލް އަށް އަޕްލޯޑްކުރަންވާނެއެވެ. މީގެ އިތުރުން ބްރޯޑްކާސްޓަރ/މީޑިއާ އަކީ އަމިއްލަ ފަރުދެއް ހިންގާ ތަނެއްނަމަ، ވޯޓުލާން ރަޖިސްޓަރީކުރާ ފަރާތަށް އެކަން ހަވާލުކޮށްފައިވާކަން އެނގޭނެ ލިޔުމެއް އެތަނެއްގެ މަސްއޫލުވެރިޔާގެ ސޮއިކޮށް ޕޯޓަލް އަށް އަޕްލޯޑްކުރަންވާނެ ކަމަށްވެސް އީސީން ބުނެފައިވެއެވެ.

ބްރޯޑްކާސްޓަރުންނާއި މީޑިއާ ތަކުގެ ފަރާތުން، ވޯޓުދިނުމަށްޓަކައި އެ ފަރާތްތަކުން ކަނޑައަޅާ މީހަކު ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ 2025 އޮކްޓޫބަރު 2 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2025 އޮކްޓޫބަރު 5 ވާ އާދީއްތަ ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު