ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އަރަނިވެރި ކޮރަޕްޝަނާ ދެކޮޅު ރައްޔިތުންގެ އިތުބާރާއި، ރައްޔިތުންނަށް މަންފާ ލިބޭ ތަންތަނުގެ ގޮތުގައި ހެދޭނީ އިންޓަރނަލް އޮޑިޓް ހަރުދަނާ ކުރެވިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް 2025 ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ހުސައިން މުހައްމަދު ލަޠީފް ވިދާޅުވީ ޤައުމުގެ ހިންގުން ހަރުދަނާކޮށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތް ހަރުދަނާކޮށް ރައްޔިތުންނަށް މަންފާއާއި ފައިދާ ލިއްބައިދޭނެ ނިޒާމެއް މިޤައުމުގައިވެސް ޤާއިމްކޮށްފައިވާކަމަށެވެ.
އެގޮތުން 26 ޖެނުއަރީ 2006ގައި އަމަލުކުރަން ފެށި ދައުލަތުގެ މާލިއްޔަތު ޤާނޫނަށް ނަޒަރު ހިންގާލާއިރުވެސް ދައުލަތުގެ ފައިސާއާއި މުދާ ޕަބްލިކް ބޭންކް އެކައުންޓްތަކާއި، ފަންޑްތަކާއި ބަޖެޓް އެކުލަވާލުމާއި ހުށަހެޅުމާއި މާލީ ހިސާބު ހެދުމަކީ ޤާނޫނުން ލާޒިމްކުރާ ކަންކަމަށްވީ ހިނދު އޮޑިޓްކުރެވޭނެ ނިޒާމެއް މިޤާނޫނުން ޤާއިމްކޮށްދީ ފަހިކޮށްދީފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. ނައިބު ރައީސް ވިދާޅުވީ މިނިޒާމް ފުރާފުރިހަމަވެގެން ދަނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލްކަމުގެ ސަބަބުންކަމަށެވެ. އަދި މިނިޒާމަށް މިއަދު ދިމާވެފައިވާ ހިރާސްތަކަކީ ކޮބައިކަން ދެނެގަނެ، އިންޓަރނަލް ކޮންޓްރޯލްތައް ވަރުގަދަކޮށް ފަހި ނަތީޖާއެއް ނެރެދިނުމަށް އެހީވެދޭ ބަޔަކަށްވުމަށް އިންޓަރނަލް އޮޑިޓަރުން އަޒުމް ކަނޑައެޅުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ. އަދި އެކަމަށް މިކޮންފަރެންސަކީ އެންމެ ރަނގަޅުވަގުތުކަމަށް ޤަބޫލްކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
"ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އަރަނިވެރި ކޮރަޕްޝަނާ ދެކޮޅު ރައްޔިތުންގެ އިތުބާރު ލިބި ރައްޔިތުންނަށް މަންފާ ލިބޭ ތަންތަން ކަމުގައި ހެދޭނީވެސް އިންޓަރނަލް އޮޑިޓް ހަރުދަނާކޮށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މަގުފަހިކޮށްދީ އޮޑިޓަރުން ދެއްވާ އިރުޝާދުތަކާ ލަފާތައް ތަންފީޒުކުރެވިގެން. އިދާރީ ހިންގުން ހަރުދަނާކޮށް ދައުލަތުގެ އިދާރާތަކާއި، އާންމުންކުރާ އިތުބާރު ދެމެހެއްޓުމުގެ ބޮޑު ދައުރެއް އިންޓަރނަލް އޮޑިޓަރުން އަދާކުރޭ.
އިންޓަރނަލް އޮޑިޓަރުން އެބޭފުޅުންގެ މަސައްކަތްކުރުމުގައި ތަފާތު ގޮންޖެހުންތައް ހުރިކަން މިސަރުކާރުން ޤަބޫލްކޮށް ބަލައިގަންނަކަން އަދު މިއަދުގެ ސަރުކާރުން މިކަންކަމަށް ޚާއްސަ އިސްކަމެއް ދީގެން އެކަން ހައްލުކުރުމަށް މިދަނީ މަސައްކަތްކުރަމުން" ނައިބު ރައީސް ވިދާޅުވިއެވެ.





