އާދިއްތަ, November 15
ތިމާވެށި ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ޓޫރިޒަމް މިނިސްޓްރީން އެޗްޑީސީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއެކު ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް އެމް.އޯ.ޔޫއެއްގައި މިއަދު ވަނީ ސޮއިކޮށްފައިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި އެމް.އޯ.ޔޫގެ ދަށުން ކުރުމަށް ހަމަޖެހިފައިވަނީ ގޮނޑުދޮށް ސާފުކުރުމާއި، "މަންސާ" ގެ ނަމުގައި ތިމާވެށީގެ ދާއިރާއިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްއެއް ހިންގުމަށެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން، 3 އޮކްޓޯބަރ 2025 ގައި ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ. މި ހަރަކާތަކީ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނަސަބާތުގައި ފަށާ ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ގޮނޑުދޮށާއި ކަނޑުފަޅުގެ މާހައުލުތައް ރައްކާތެރިކޮށް، ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ބާރުއެޅުން ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އަދި މި ޕްރޮގްރާމްގެ ތެރެއިން އެއްކުރެވޭ ކުނީގެ އޮޑިޓެއް ފުރިހަމަކުރުމަށް ހަމަޖެހިފައިވާ ކަމަށާއި،މި ޕްރޮގްރާމްގެ ދަށުން އެއްކުރެވޭ ކުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އެހީއާއެކު ރާއްކާތެރިގޮތެއްގައި މެނޭޖްކުރުމަށް ގެންދާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން އެ ދުވަހުގެ ރޭގަނޑުގައި "މަންސަ" ގެ ނަމުގައި ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއްވެސް ހިންގުމަށް ވަނީ ރާވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު