އާދިއްތަ, November 15
އޯޕަން ވިސާގައި މަސައްކަތްކުރާ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލަނީ

ރާއްޖޭގައި އޯޕަން ވިސާގެ ނަމުގައި މަސައްކަތްކުރާ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިފިއެވެ.

އިމިގްރޭޝަނުން ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ އެ އިދާރާއިން ހިންގާ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ ކަމަކީ ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިސާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވިސާ ނުވަތަ ހއުްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުންދާކަން ކަމަށާއި، ގަވާއިދާ ޚިލާފަށް އޯޕަން ވިސާގެ ނަމުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

އެގޮތުން އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ހޯދާ ކަމަށާއި، މިއީ ޤާނޫނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމުގައި އިމިގްރޭޝާނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ބިދޭސީ މުވައްޒަފުންނަށް މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިވަނީ ހަމައެކަނި ވިސާ ދޫކޮށްފައިވާ ތަނުގައި ހުއްދަ ދޫކޮށްފައިވާ މަސައްކަތެއް ކުރުމަށް ކަމަށެވެ. އެހެންކަމުން މިކަމަށް ސަމާލުވެ ވަޒީފާ ދޭ ފަރާތްތަކުން އެމީހުންގެ މުވައްޒަފުން އެހެން ތަންތަނަށް މަސައްކަތް ކުރަން ނުފޮނުވުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އެ އިދާރާއިން ބުނީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަނިކޮށް ފާހަގަކުރެވިއްޖެނަމަ، އެފަދަ މުވައްޒަފުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، އަނބުރާ ފުރުވާލެވޭނެ ކަމަށާއި، ވަޒީފާދިން ފަރާތަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ މި މަސައްކަތްތަކުގެ މަޤުޞަދަކީ ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅެ ކަންކަން ހަރުދަނާކޮށް، ޤާނޫނާ އެއްގޮތަށް އެމީހުންގެ ޢަމަލުތައް ބައްޓަން ކުރުމާއި، މިކަމުގެ ސަބަބުން ޤައުމުގެ އިޤުތިޞާދަށާއި އިޖުތިމާޢީ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުން ކަމަށެވެ.

ވީމާ، ބިދޭސީ މަސައްކަތްތެރިންނާއި، ވަޒީފާ ދޭ ފަރާތްތަކުންނާއި އާންމު ރައްޔިތުން މިކަމުގައި ޒިންމާދާރު ގޮތެއްގައި ޢަމަލުކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު