Saturday, October 31
ކޮންޓެންޓު އުފައްދާ ފަރާތްތަކަށް ފަސް ލައްކަ އާ ހަމައަށް ލޯނު ލިބޭ ސްކީމެއް ތައާރަފުކޮށްފި

ކޮންޓެންޓު އުފައްދާ ފަރާތްތަކާއި ފިލްމު ޕްރޮޑިއުސަރުންނަށް އަމާޒުކޮށްގެން 500،000 ރުފިޔާއާ ހަމައަށް ލޯނު ލިބޭ ފައިނޭންސް ސްކީމެއް ތައާރަފުކޮށްފިއެވެ.

ރާއްޖޭގެ ކްރިއޭޓާ އިކޮނޮމީ ފުޅާކޮށް ތަރައްގީކުރުމަށްޓަކައި ކޮންޓެންޓު ކްރިއޭޓަރުންނަށް ލުއި ލޯނު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް ކޮންޓެންޓް ކްރިއޭޓަރުންނަށް ލުއި ލޯނު ދޭން ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ފަށާނެކަން އެމަނިކުފާނު އިއުލާނުކުރެއްވީ ސެޕްޓެންބަރު 14 ވަނަ ދުވަހުއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ގަނެފައިވާ އެސްޑީއެފްސީން މިއަދު އެ ލޯނު ސްކީމު އިއުލާނުކޮށްފަައިވެއެވެ. އެ އިއުލާނުގައިވާ ގޮތުން މި ސްކީމުގެ ދަށުން ކޮންޓެންޓް ކްެރިއޭޓަރުންނާއި ސޯޝަލް މީޑިޔާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ވީޑިޔޯގްރާފަރުންނަށް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ.

އަދި މިސްކީމުގެ ދަށުން ރަހުނެއް ހުށަހަޅައިފިނަމަ 500،000 ރުފިޔާއާ ހަމައަށް ލޯނު ހަމަޖެހޭނެއެވެ. މި ލޯނު ދައްކަންޖެހެނީ ގިނަވެގެން ފަސް އަހަރު ތެރޭގައެވެ.

ގްރޭސް ޕީރިއަޑެއްގެ ގޮތުގައި 6 މަހަށްވުރެ ދިގު ނޫން މުއްދަތެއް ލިބޭ ގޮތަށް ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ އަހަރަކު 9.5 އިންސައްތައެވެ. މި ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް އިކުއިޕްމެންޓު ގަނެ، ޕްރޮޑަކްޝަން ހަރަދުތައް ހަމަޖައްސައި ކްރިއޭޓިވް ވިޔަފާރި ފުޅާކުރުމުގެ އިތުރު ކަންކަމަަށް ހަރަދުކުރެވޭނެއެވެ.

މި ފެސިލިޓީއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެސްޑީއެފްސީ ވެބްސައިޓުގައި ހިމަނާފައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ފެސިލިޓީއަށް އެދެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު