އާދިއްތަ, November 15
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސްޤާޟީ މާހިރު ޢައްޔަންކުރައްވައިފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު ޢައްޔަންކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފައިވާ ގޮތުގައި ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރައްވާފައިވަނީ ރ. އަލިފުށި މެޑޯޒް، އަލްއުސްތާޛު އިބްރާހީމް މާހިރެވެ.

އަލްއުސްތާޛު އިބްރާހީމް މާހިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ނިންމީ 2025 ސެޕްޓެންބަރު 25 ވަނަ ދުވަހު ބޭއްވުނު ޖޭއެސްސީގެ 34 ވަނަ ބައްދަލުވުމުގައެވެ.

އަލްއުސްތާޛު އިބްރާހީމް މާހިރަށް އިއްޔެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި އެ ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޢަބްދުﷲ ޙަމީދުއެވެ.

އަލްއުސްތާޛު އިބްރާހީމް މާހިރުއަކީ ޤަތަރު ޔުނިވަރސިޓީއިން ޝަރީޢަތާ ޤާނޫނުގެ ރޮނގުން ބެޗެލަރސް ޑިގްރީ އަދި ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 18 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާއިރު، 2005 ނޮވެންބަރު 09 އިން 2008 ސެޕްޓެންބަރު 03 ވަނަ ދުވަހާ ހަމައަށް މަދަނީ ކޯޓުގެ ޤާޟީކަން އަދި 2010 ޖަނަވަރީ 19 އިން ފެށިގެން ފެމެލީ ކޯޓުގެ ޤާޟީގެ މަޤާމް އަދާކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނުން ނިންމެވިއިރު އަލްއުސްތާޛު އިބްރާހީމް މާހިރު ހުންނެވީ ފެމެލީ ކޯޓުގެ އިސްޤާޟީގެ މަޤާމުގައެވެ. ފެމެލީ ކޯޓުގެ އިސްޤާޟީކަމަށް އަލްއުސްތާޛު އިބްރާހީމް މާހިރު ޢައްޔަންކޮށްފައިވަނީ 2022 އޮކްޓޫބަރު 23 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު