އާދިއްތަ, November 15
މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު، 2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި، އެ ކޮމިޝަނުގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އޮކްޓޫބަރު 4 ވާ ހޮނިހިރު ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 ގައި އިންތިޚާބުކުރަން ޖެހެނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރެކެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މި ތަކެތި ބަލައިގަންނާނީ 2025 ސެޕްޓެންބަރު 25 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2025 އޮކްޓޫބަރު 04 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު 09:00 ން 14:00 އަށް ކަމަށާއި، ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ 15:00 އިން 17:00 އަށް ކަމަށް އީސީގެ އިޢުލާނުގައި ބުނެފައިވެއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހުގެ 09:00 އިން 16:00 އަށެވެ. ވޯޓު ނަގާ ދުވަހު އިންސާނީ ބާރު އެކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލުމަށް މީހުން ނުކުތުމަށް ހުރަސްތަކެއް ދިމާވެގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އިތުރުކުރާގޮތަށް ހަމަޖެހިފައި ނުވާ ކަމަށް އީސީން ބުންޏެވެ.

އީސީން ބުނީ މި އިންތިޚާބުގައި ވޯޓުލުމަށް ބޭނުންކުރެވޭނެ ރަސްމީ ލިޔުންތަކަކީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ލައިސަންސް ކާޑު އަދި ޕާސްޕޯޓާއި ޕާސްޕޯޓު ކާޑު ކަމަށާއި، މި ލިޔުންތަކަކީ މުއްދަތު ހަމަނުވާ ލިޔުންތަކަށް ވާންވާނެ ކަމަށެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހު ކަމަށް އީސީން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު