އާދިއްތަ, November 15
އޮންލައިންކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ބައިވެރިވެއްޖެ

އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އެކްސްޕްލޮއިޓޭޝަން އާ ދެކޮޅަށް ހިންގުނު ބޮޑު ބައިނަލްއަގްވާމީ ގާނޫނު ތަންފީޒުކުރުމުގެ އޮޕަރޭޝަނެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ މިނިސްޓްރީ އޮފް އިންޓީރިއަރގެ އިސްނެގުމުގެ ދަށުން 2025 ވަނަ އަހަރުގެ ޖުލައި 10 އިން އޯގަސްޓް 31 އަށް ހިންގުނު 7 ހަފްތާގެ އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި ރާއްޖޭގެ އިތުރުން ރަޝިޔާ، ތައިލެންޑް، އިންޑޮނޭޝިއާ، ނޭޕާލް، ޕެރޫ، ބްރެޒިލް އަދި އެހެނިހެން ގައުމުތައް ހިމެނޭ ގޮތަށް 15 ގައުމެއްގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ބައިވެރިވެފައިވެއެވެ.

މިކާމިޔާބު އޮޕަރޭޝަނުގައި ޖުމްލަ 188 މީހަކު ހައްޔަރުކުރެވި، މުޅި ދުނިޔޭގައި ޝިކާރައަކަށްވެފައިވާ 165 ފަރާތް ސަލާމަތްކުރެވި، އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މެޓީރިއަލް ބެހުމަށް ހިންގަމުންދިޔަ 28 ނެޓްވޯކް ހުއްޓުވާފައިވެއެވެ. މީގެ އިތުރުން، މުއައްސަސާތަކުން ވަނީ 113 ޔޫސަރ އެކައުންޓް ބަންދުކޮށް، 153 އިލެކްޓްރޯނިކް ވަސީލަތް އަތުލައި، އަދި އޮންލައިން ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން 76 ކެމްޕެއިން ހިންގާފައެވެ.

ފުލުހުން ބުނީ 15 ގައުމެއްގެ ކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ރާއްޖެއިން ބައިވެރިވުން ދައްކުވައިދެނީ ބައިނަލްއަގުވާމީ އެއްބާރުލުމުގެ ތެރެއިން އޮންލައިން މެދުވެރިކޮށް ކުޑަކުދިން އެކްސްޕްލޮއިޓޭޝަންއާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް އިތުރުވެ، ދުނިޔޭގެ ފެންވަރުގައި ގާނޫނު ތަންފީޒުކުރުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ތެރެއިން، ކުޑަކުދިން ރައްކާތެރިކުރުމާއި ސައިބަރ ސަލާމަތްތެރިކަން ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަ ވެގެންދާކަން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު