Saturday, October 31
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފިއެވެ.

މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

އިސްލާމީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މިއަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 1037 ބައިވެރިން ވާދަކުރެއެވެ. އެއީ ބަލައިގެން ކުޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ޙާފިޡުންގެ ގޮފީގައި 31 ޙާފިޡުންނެވެ.

މިއަހަރުގެ މުބާރާތަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކާއެކު ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދެވޭ މުބާރާތެކެވެ. އަދި މި އަހަރުގެ މުބާރާތުގެ ވަނަތަކަށް ދޭ އިނާމުތައް ދެގުނައަށް އިތުރު ކުރުމަށް ނިންމަވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގައި ޙާފިޡުންގެ ބައިގައި ބައިވެރިވި ބައިވެރިންގެ އަދަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މި މުބާރާތުގެ ޙާފިޡުންގެ ބައިގައި 31 ޙާފިޡުން ބައިވެރިވެފައިވެއެވެ. ފާއިރުވެދިތަ އަހަރު ބޭއްވުނު ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ޙާފިޡުންގެ ބައިގައި ވާދަކޮށްފައިވަނީ 15 ބައިވެރިިންނެވެ.

މުބާރާތުގެ ކިޔެވުން ސަލާމްން ރަސްގެފާނު މިސްކިތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ 4 ވަނަ ފަންގިފިލާ އޮޑިޓޯރިމްގައެވެ. އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު