ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ވެފައިވާ އަޙުދުގައި ބައިވެރިވެފައިވާ އެސްޑީއެމް ކުންފުނީގެ ފަރާތުން، ގއ. ދާންދޫ ކައުންސިލާ ގުޅިގެން، ދާންދޫގައި މިއަދު ގަސް އިންދުމުގެ ޚާއްސަ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ޕްރޮގްރާމްގައި ޖުމްލަ 3000 ގަސް އިންދާފައިވެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ، ޤައުމީ ފެންވަރުގައި ހިންގާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ދާންދޫ ރަށު ތިމާވެށި ރައްކާތެރިކޮށް، ގަސްގަހާގެހި ގިނަކުރުމުގެ މަޤްޞަދުގައެވެ. މިއަދު ހެނދުނު ކުރިއަށްދިޔަ މި ހަރަކާތުގައި އެސްޑީއެމް ކުންފުނީގެ މުވައްޒަފުންނާއި، ސްކޫލްދަރިވަރުންނާއި، ދާންދޫ ކައުންސިލްގެ މެންބަރުންނާއި، ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
އިންދާފައިވާ 3000 ގަހުގެ ސަބަބުން ދާންދޫގެ ހިތްފަސޭހަ ކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ދާންދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެ، ގަސް އިންދުމުގެ ސަޤާފަތް ފުޅާވެގެންދާނެ ކަމަށް އެސްޑީއެމް ކުންފުނިން ބުނެއެވެ.
މި ޕްރޮގްރާމަކީ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢަށް ދެމުންދާ އެއްބާރުލުމުގެ ގޮތުގައި އެސްޑީއެމް ކުންފުނިން ހިންގި ހަރަކާތެކެވެ.
މި ލިޔުން ކިޔާލުމުން