ދަރަނި ބޮޑުވެ އިގްތިސާދީ ގޮންޖެހުން ކިތަންމެ ބޮޑުނަމަވެސް މުޅި ދެކުނު އޭޝިއާގައި އެންމެ ބޮޑު މުސާރައެއް ލިބޭ ގާނޫނު ހަދާ މަޖީލީހަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހެވެ.
ރާއްޖޭގައި މަޖިލީހުގެ މެމްބަރެއްގެ އަސާސީ މުސާރައިގެ ގޮތުގައި 42500 ރުފިޔާ ލިބޭއިރު ، ކޮމިޓީ އެލަވަންސް އަދި ލިވިންގ އެލަވަންސަށް ލިބޭ އަދަދު ހިމަނައިގެން މަހަކު ޖުމުލަ 82500 ރުފިޔާ ކޮންމެ މެމްބަރަކަށް ލިބެއެވެ.
މި އަދަދަކީ ރާއްޖޭގެ އެވްރެޖް މުސާރައަށްވުރެ 8 ގުނަ ބޮޑު އަދަދެކެވެ.
ނަމަވެސް ދެކުނު އޭޝިއާގެ އެހެން ގައުމުތަކުގެ ގާނޫނުހަދާ މަޖިލިސް މެމްބަރުންގެ މުސާރަ ރާއްޖެއާއި އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްކަން ފާހަގަ ކުރެވެއެވެ.
މިގޮތުން ބަލާއިރު ދުނިޔޭ ހަތަރުވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ އިންޑިއާގައި މަޖިލީހުގެ މެމްބަރުންނަށް މަހަކު ގާތްގަނޑަކަށް 100،000 ރުޕީސްް ނުވަތަ 1200 ޑޮލަރު ގެ ބޭސް މުސާރައެއް ލިބޭއިރު، އިތުރު އެލަވަންސްތައް ހިމެނުމުން ޖުމުލަ މުސާރައަށް ލިބެނީ ގާތްގަނޑަކަށް 300،000 ރުޕީސް ނުވަތަ 3،600 ޑޮލަރެވެ.
ޕާކިސްތާނުގައި އެގައުމުގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށް 150،000 ރުޕީސް (540 ޑޮލަރު) ގެ ބޭސް މުސާރައެއް ލިބޭއިރު، އެލަވަންސް ހިމެނޭ ގޮތަށް ޖުމުލަ މަހަކު ލިބެނީ 400،000 ރުފިޔާ (1،440 ޑޮލަރު) އެވެ. ބަންގްލަދޭޝްގެ މެމްބަރުންނަށް 125،000 ބީޑީޓީ (1،150 ޑޮލަރު) ގެ ބޭސް މުސާރައެއް ލިބޭއިރު، އެލަވަންސްތައް ހިމަނާލުމުން ޖުމްލަ އާމްދަނީ ލިބެނީ ގާތްގަނޑަކަށް 200،000 ބީޑީޓީ (1،850 ޑޮލަރު) އެވެ.
އަވަށްޓެރި ބޮޑެތި ގައުމުތަކާއި އަޅާބަލާއިރު ރާއްޖޭގެ މަޖިލިސް މެމްބަރުންނަށް ލިބޭ މުސާރައާއި އިނާޔަތްތައް މިހާބޮޑުއިރުވެސް، ނިމިދިޔަ 19 ވަނަ މަޖިލީހުގެ ދައުރުގައި އޮތީ އަނެއްކާ މެމްބަރުންގެ މުސާރަ އެއް ލައްކަ ރުފިޔާއަށް ބަދަލުކުރަން ކަމާ ގުޅުންހުރި ކޮމިޓީން ފާސްކޮށްފައެވެ. ނަމަވެސް 20 ވަނަ މަޖިލީހުން އެ ނިންމުމާއެއްގޮތަށް އަމަލުކޮށްފައި ނުވެއެވެ.
މަހު މުސާރައިގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން މަޖިލީހުގެ ކުރީގެ މެމްބަރުންނަށްވެސް ދަނީ ބޮޑެތި އިނާޔަތްތަކެއް ދެމުންނެވެ. މިގޮތުން ހިދުމަތުގެ އިނާޔަތުގެ ފައިސާގެ ގޮތުގައި ޖޫން 2014 އިން ފެށިގެން ކުރީގެ މެމްބަރުންނަށްވެސް މާލީ އިނާޔަތްތައް ދަނީ ލިބެމުންނެވެ.
މަޖިލީހުން ވަކިވުމަށްފަހު އެއް ދައުރު އަދާކޮށްފައިވާނަމަ މުސާރައިގެ 30 ޕަސެންޓް އަދި ދެ ދައުރު އަދާކޮށްފައިވާ މެމްބަރުންނަށް މުސާރައިގެ 45 ޕަސެންޓް ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ގާނޫނުގައި ކަނޑައެޅިފައިވާ ގޮތަށް ދަނީ ދެމުންނެވެ.
ޕެންޝަން އޮފީހުގެ މައުލޫމާތުތަކުން އެނގޭގޮތުގައި ކުރީގެ މެމްބަރުންގެ އިނާޔަތަށް ފާއިތުވި 10 އަހަރުގެ ތެރޭގައި ދައުލަތުން ވަނީ 33.8 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އަދި މިދިޔަ އަހަރު އެކަނި ވެސް 6.4 މިލިއަން ރުފިޔާ އެކަމަށް ހަރަދުކުރި އެވެ. އަދި ކޮންމެ ދައުރަކަށްފަހު މި އަދަދު ދަނީ އިތުރުވަމުންނެވެ.
މިކަމަށް ހައްލެއް ހޯދުމަށް ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވައިފައިވާ ބޭފުޅުންނަށް ދެމުންދާ ބައެއް އިނާޔަތްތައް ކުޑަކުރަން ގާނޫނުތައް އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިހާރު އިއުލާނުކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން