މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ވަޒީފާގެ ނިސްބަތް ދެނެގަތުމަށް، "މޯލްޑިވްސް ބިއުރީ އޮފް ސްޓެޓިސްޓިކްސް" އިން ކުރިއަށްގެންދިއަ "ލޭބަރ ފޯސް ސާވޭ" ނިންމައި ރިޕޯޓް އާންމުކޮށްފިއެވެ.
މިއަދު ވަނީ، "ލޭބަރ ފޯސް ސާވޭ" ގެ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓް ނިންމައި އެމް.ބީ.އެސް ގެ ވެބްސައިޓްގައި އާއްމުކޮށްފައެވެ.
މި ސާވޭގެ ރިޕޯޓް ލޯންޗް ކުރުމަށް އިއްޔެ ހެނދުނު ޗަންޕާ ސެންޓްރަލްގައި ބޭއްވި ރަސްމިއްޔާތުގައި ރިޕޯޓް ލޯންޗްކޮށްދެއްވީ މި އައި.އެލް.އޯ އިން ރާއްޖެ އާއި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑައިރެކްޓަރ ޖޯނި ސިމްޕްސޮން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، "މޯލްޑިވްސް ބިއުރީ އޮފް ސްޓެޓިސްޓިކްސް" ގެ ޗީފް ސްޓެޓިސްޓީޝިއަން އައިޝަތު ހަސަން ވިދާޅުވީ، މި ސަރވޭ އަކީ، ހަމައެކަނި އަދަދުތަކެއް ހޯދުމަށް ކުރެވުނު ސާވޭއެއްގެ އިތުރަށް މާ ފުޅާ ދާއިރާއެއްގައި ބޭނުން ހިފޭނެ ސާވޭއެއް ކަމަށެވެ.
އައިޝަތު ހަސަން ވިދާޅުވީ، މި ސާވޭއިން ރާއްޖޭގައި ހާއްސަކޮށް މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތް ދެނެގަނެވި ވަޒީފާއެއް ހޯދަން މަސައްކަތް ކުރާ މީހުންގެ ނިސްބަތް ދެނެގަނެވުމުގެ އިތުރަށް، ވާޒީފާއެއް ނެތި ތިބި ރައްޔިތުންގެ ހާލަތު ދެނެގަނެވި، ޖުމްލަކޮށް ރާއްޖޭގެ އިޤްތިސޯދީ ހާލަތު ދެނެގަތުމަށް އެހީތެރިވެދޭނެ ކަމަށެވެ.
މީގެ އިތުރަށް މި ސާވޭގެ ހޯދުންތަކުން، ވާޒީފާ ހޯދުމަށް ހުރި ގޮންޖެހުން ތަކަކީ ކޮބައިކަން ދެނެގަނެވި، އެކަން ހައްލުކުރުމަށް ޕޮލިސީ ލެވެލްގައި ނިންމާ ނިންމުންތަކަށް އެހީތެރިވެދޭނެކަށްވެސް އައިޝަތު ހަސަން ވަނީ ފާހަގަކުރައްވާފައެވެ.
ޗީފް ސްޓެޓިސްޓީޝިއަން އައިޝަތު ހަސަން ވިދާޅުވީ، މާލޭގެ އާބާދީ ދުވަހެއް ދުވަހަށް އިތުރުވެ އަވަސް ބަދަލުތަކެއް އަންނަމުންދާއިރު، މިފަދަ ސޭވޭއަކުން އެއްކުރެވޭ މައުލޫމާތުގެ ބޭނުން ޕޮލިސީ ލެވެލްގައި ބޭނުންކުރެވި، ވަޒީފާގައި އުޅޭ މީހުންނާއި ވަޒީފާ ނެތް މީހުންގެ ނިސްބަތް ދެނެގަނެވި، ވަޒީފާ އަދާކުރާ ބިދޭސީންނާއި، އަންހެނުންގެ ނިސްބަތްވެސް ދެނެގަނެވިގެންދާނެ ކަމަށެވެ.
މީގެ އިތުރަށް މި ސާވޭއިން ދެމެހެއްޓެނިވި ޤައުމީ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުމަށް ވަރަށް މުހިންމު މައުލޫމާތެއް މައިގަނޑު ތިން ދާއިރާއަކުން އެއްކުރެވިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، ވިޔަފާރިތަކާއި އިންވެސްޓަރުންގެ އިތުރަށް، ދިރާސާކުރާ ފަރާތްތަކާއި، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް މުހިންމު ބޭނުންތެރި މައުލޫމާތުތަކެއް ލިބިގެންދާނެކަންވެސް ޗީފް ސްޓެޓިސްޓީޝިއަން އައިޝަތު ހަސަންގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
މި ސަރވޭ އިން ވަނީ، ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތް ދެނެގަނެވި އިގުތިޞާދީ ގޮތުން ހަރަކާތްތެރިވާ އާބާދީ އާއި، އަލަށް ވަޒީފާ އުފެދޭ މިންވަރު ދެނެގަނެ މާލެ ސަރަހައްދަށް ހިޖުރަކުރާ އާބާދީގެ މިންވަރު ދެނެގަނެފައެވެ.
މި ސާވޭއިން ދައްކާގޮތުގައި، މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ވަޒީފާ އަދާކުރާ އުމުގެ ގާތްގަނޑަކަށް 187،000 މީހުން ދިރިއުޅެނީ މާލެ ސަރަހައްދުގައެވެ. މީގެ ތެރެއިން ތިންބައިކުޅަ ދެބަޔަކީ ދިވެހިންނެވެ. އަދި ތިންބައިކުޅަ އެއްބަޔަކީ ބިދޭސީންނެވެ.
އަދި ވަޒީފާ އަދާކުރާ އުމުރުގެ މީހުންގެ ތެރެއިން ކޮންމެ ހަތަރު މީހަކުން ތިން މީހަކު ވަޒީފާ އަދާކުރެއެވެ. އެއީ 74.8 އިންސައްތައެވެ. އެއީ ގާތްގަނޑަކަށް 140،255 މީހުންނެވެ.
މި ލިޔުން ކިޔާލުމުން