Tuesday, November 3
ސަޢުދު އިސްލާމިކް ޔުނިވާސިޓީން ރާއްޖެއަށް 64000 ފޮތް ހަދިޔާކޮށްފި

ސަޢުދީ އަރަބިއްޔާގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި އެ ޔުނިވާސިޓީގެ ފަރާތުން ފޮތްތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖެއަށް ކަނޑަޅުއްވާފައި ހުންނަވާ ސަޢުދީ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ހަސަން އަލްޤަހްތާނީ އަދި އެ ޔުނިވާސިޓީގެ ޑިރެކްޓަރ ޑރ. ޞާލިޙް ބިން ސުލައިމާން އަލް ޢަރަޖާއެވެ. މި ފޮތްތަކާއި ވުޒާރާގެ ފަރާތުން ހަވާލުވެލެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ އަޅުގަނޑުމެންގެ އަޚްވަންތަ ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ މުހިއްމު ކަމެއްކަމަށާއި އަދި މިއީ ދިވެހިރާއްޖޭގެ ޢިލްމު އުނގެނޭ ދަރިވަރުންނާއި ދިރާސާކުރާ ފަރާތްތަކަށް ޚިދުމަތްކުރުމަށާއި، ޢިލްމާއި މަޢުރިފާ އާލާކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެތްކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އިމާމް މުޙައްމަދު ބިން ސަޢޫދު އިސްލާމިކް ޔުނިވަރސިޓީއަށާއި، އެޔުނިވާރސިޓީގެ ފަރާތުން ރާއްޖޭގައި ޤާއިމްކޮށްފައިވާ އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް ޢަރަބިކް ސައިންސްއިން މި އަގުހުރި ހަދިޔާއަށްޓަކައި އިޚްލާޞްތެރި ޝުކުރާއި ތަޢުރީފު ދަންނަވާކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ސަޢުދީ ސަރުކާރުން ދިވެހިރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނަށް އަދި ސަޢުދީ ސަރުކާރަށާއި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ފޮތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. އަދި މިއާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ރިޔާސީ ވަޢުދު ތަންފީޒު ކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު