Tuesday, November 3
އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން އެމްޓީސީސީން ހުޅުވާލައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުގެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.

އެމްޓީސީސީގެ ހިންގާ ގަވާއިދު ވާގޮތުން ކުންފުނީގެ ބޯޑުގައި ހަތް ޑިރެކްޓަރުން ތިބެން ޖެހެއެވެ. އޭގެ ތެރެއިން ފަސް ޑިރެކްޓަރުން ޢައްޔަންކުރަނީ މައި ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރުން ކަމަށްވާއިރު، ދެ ޑިރެކްޓަރުން އިންތިޚާބުކުރަނީ އާންމު ހިއްސާދާރުންނެވެ. މިހާރު ހުސްވެފައިވަނީ އާންމު ހިއްސާދާރުން އިންތިޚާބުކުރާ ދެ ޑިރެކްޓަރުންގެ ތެރެއިން އެއް މަގާމެވެ.

އެމްޓީސީސީގެ ބޯޑުގައި އެންމެ ފަހުން އާންމު ހިއްސާދާރުން ތަމްސީލުކުރެއްވީ ނަސްރަތު މުޙައްމަދާއި މުޙައްމަދު އިމްރާން އަދުނާނެވެ.

މި މަގާމަށް ކުރިމަތިލެވޭނީ ކުންފުނީގެ ހިއްސާދާރަކަށް ވާ ނުވަތަ ހިއްސާދާރު ކުންފުންޏަކުން ނޮމިނޭޓްކުރާ ފަރާތްތަކަށެވެ. މީގެ އިތުރުން ކުންފުނީގެ ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރިވުމާއި، މާލީ ރިޕޯޓުތައް ދިރާސާކުރުމުގެ ގާބިލުކަން ހުރުމަކީވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި ޝަރުޢީ ކޯޓަކުން ބަނގުރޫޓުވެފައިވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށާއި، ރާއްޖޭގައި ނުވަތަ ބޭރުގައި ސާބިތު ދަރަންޏެއް އަދާނުކޮށް އޮތް ފަރާތްތަކަށާއި، ކުންފުނީގެ ވިޔަފާރީގެ މަޞްލަޙަތު ފުށުއަރާ ވިޔަފާރިއެއްގައި ޝާމިލުވާ ފަރާތްތަކަށް މި މަގާމަށް ކުރިމަތިއެއް ނުވެވޭނެއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ގަވާއިދުތަކުގައި ބާރުއަޅާ ގޮތުގެ މަތިން، މި މަގާމަށް ވީހާވެސް ގިނަ އަންހެނުން ކުރިމަތިލުމަށް އެމްޓީސީސީން ވަނީ އެދިފައެވެ. ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 24 ވަނަ ދުވަހާ ހަމައަށެވެ.

ޝަރުތު ހަމަވާ ފަރާތްތަކުގެ މަޢުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅުމަށްފަހު، ކުރިމަތިލި ފަރާތްތަކުގެ މަޢުލޫމާތު އަހަރީ އާންމު ޖަލްސާގެ ކުރިން ހިއްސާދާރުންނަށް އިޢުލާންކުރާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު