Saturday, October 31
އައްޑޫ ސިޓީން ކަރަންޓު ކެނޑުނީ ކޭބަލަކަށް ގެއްލުން ދޭން އުޅެނިކޮށް ޝޯޓެއްވެގެން: ފެނަކަ

ރޭ މެންދަމު އައްޑޫ ސިޓީން ކަރަންޓު ކެނޑިފައިވަނީ ކޭބަލަކަށް މީހަކު ގެއްލުން ދޭން އުޅެނިކޮށް ކަރަންޓު ޝޯޓެއް ވެގެން ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.

ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރޭ މެންދަމު ގާތްގަނޑަކަށް 2:40 ހާއިރު އެ ކުންފުނީގެ އެލާމް ސިސްޓަމަށް ނޮޓިފިކޭޝަންތައް ލިބި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ޚިދުމަތް ކެނޑުނުކަން ސަމާލުކަމަށް އައުމުން ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކޮށް، މައްސަލަ ދިމާވި ސަބަބު ދެނެގަތުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން ވަގުތުން ހަރަކާތްތެރިވި ކަމަށެވެ. އަދި އައްޑޫ ސިޓީ ފެނަކައިގެ މުވައްޒަފުން ކުރި މަސައްކަތުން ރޭ ފަތިހު 5:55 ގައި މުޅި ސިޓީއަށް އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށްވެސް ފެނަކައިން ބުންޏެވެ.

މީގެ އިތުރުން ފެނަކައިން ބުނީ މައްސަލަ ދިމާވި ސަބަބު ދެނެގަތުމަށްޓަކައި ބެލިބެލުމުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވަނީ އައްޑޫގެ 41 ނަންބަރު ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުން ދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯތެއް ހިނގައި، ސެންޓްރަލް ޕަވަރ ހައުސް އެއްކޮށް ޑައުންވުމުގެ ސަބަބުންކަން ދެނެގަނެވިފައިވާ ކަމަށެވެ.

ފެނަކައިން ބުނީ މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަމުން ގެންދާ ކަމަށާއި، މިފަދަ ޢަމަލުތަކަކީ ކުންފުނީގެ މުދަލަށް ގެއްލުން ލިބުމާއި، އާންމު ރައްޔިތުންނަށް ތަކުލީފު ލިބުމުގެ އިތުރުން، އެފަދަ ޢަމަލެއް ކުރާ ފަރާތްތަކަށާއި ނުވަތަ ޢަމަލުގައި ބައިވެރި ނުވާ ފަރާތްތަކުގެ ހަށިގަނޑަށާއި ފުރާނައަށް ނުރައްކާވެދާނެފަދަ ކަންކަން ކަމަށްވުމުން، މިފަދަ ޢަމަލުތައް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ފެނަކައިގެ ބަޔާނުގައި ވަނީ އައްޑޫގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ހުއްޓާނުލައި ކުރިއަށްގެންދާކަމުގެ ޔަޤީންކަން އަރުވައިފައެވެ. އަދި ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށްޓަކައި ފެނަކައިން ވަނީ މަޢާފަށް އެދި، އައްޑޫގެ ރައްޔިތުން ދެއްކެވި ކެތްތެރިކަމާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި ޝުކުރު ދަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު