ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން ބާއްވާ އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެފްއޭއެމް އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އަލަށް އެކުލަވާލި ރާއްޖޭގެ ފުޓްބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން، ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައި، އޭގެ ތެރޭގައި އަތޮޅުތަކަށް ނިސްބަތްވާ 3 ރީޖަންގައި މިއަހަރު ފެށުމަށް ތާވަލުކޮށްފައިވާ "އެޓޯލް ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ރަށްތަކަށް މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމުން ގިނަ ރަށްތަކަކުން މުބާރާތުގައި ބައިވެރިވެފައިވާ ކަމަށެވެ.
މިގޮތުން، ކުރިން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ރަށްރަށުގެ ކައުންސިލުން ބައިވެރިކުރާ ޓީމެއް ނުވަތަ ރަށްރަށުގެ ކައުންސިލުން އެންޑޯޒް ކުރާ ޓީމުތަކަށް އެކަނި ކަމަށްވުމުން، އެރަށެއްގެ ރަށު ކައުންސިލުން، މުބާރާތުގައި ބައިވެރިވާން ބޭނުންނުވެ، އަދި ޓީމެއްވެސް އެންޑޯޒްކުރަން ބޭނުންނުވި ބައެއް ރަށްރަށުގެ، ކްލަބްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދެމުންދާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
އެހެންކަމުން އެފްއޭއެމް އިން ވަނީ، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 11 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.
ވީމާ، "އެޓޯލް ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ރަށްތަކުން ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު، އީމެއިލް ކުރުމަށް އެފްއޭއެމް އިން ވަނީ އެދިފައެވެ.
މުބާރާތުގައި ކްލަބް ބައިވެރިކުރުމުގައި އިސްކަންދޭނީ ތިރީގައިވާ ތަރުތީބުންނެވެ.
- މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން ކޮމިޝަނަރ އޮފް ސްޕޯރޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް.
- މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން އެންޑޯޒް ކޮށްފައިވާ އެ ރަށަކަށް ނިސްބަތްވާ ކްލަބެއް.
- މުބާރާތުގައި ބައިވެރިވާ ރަށަށް ނިސްބަތްވާ ކްލަބެއް (އެއް ކްލަބަކަށްވުރެ ގިނަ ކްލަބް ރަޖިސްޓްރީ ކޮށްފިނަމަ، އެފް.އޭ.އެމްއިން ގުރު ނަގައިގެން އެ ރަށް ތަމްސީލުކުރާ ކްލަބެއް ކަނޑައެޅުން.)
މި ލިޔުން ކިޔާލުމުން