ކުންފުންޏެއްގައި އެންމެ ހިއްސާއެއް އޮތް ނަމަވެސް މާލީ ބަޔާނުގައި ހާމަކުރަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ވިދާޅުވެއްޖެއެވެ.
މަމްދޫޙް މިހެން ވިދާޅުވީ މަޖިލީހަށް ހުށަހެޅުއްވި މާލީ ރިޕޯޓުގައި ކުންފުންޏެއްގެ ވާހަކަ ނެތީ މެޖޯރިޓީ އޮތް އެއްވެސް ވިޔަފާރި ކުންފުންޏެއް ނެތުމުން ކަމަށާއި، ހިއްސާވާ ވިޔަފާރި ތިން ކުންފުނީޣެ މަޢުލޫމާތު ހިމަނާފައި ނުވަނީ އެ ކުންފުނިތަކުގެ ދެންތިބި ހިއްސާދާރުންގެ މަސްލަޙަތު އޮތް ކަމަށް ވާތީ ކަމަށް ބުނެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަލީ ބަޔާނަކީ، ހާމަކަން ބޮޑު ގޮތެއްގައި، އެއްވެސް ކަމެއް އޮޅުވާނުލައި، ތެދު މަޢުލޫމާތު ރައްޔިތުންނަށް ހިއްސާ ކުރުމަށް ހުށައަޅަން، ކޮންމެހެން، ޖެހޭ ބަޔާނެއް!
ކުންފުންޏެއްގައި، އެންމެ ހިއްސާއެއް އޮތްނަމަވެސް، އަދި އިތުރު ބަޔަކު ތިބެ އިއުތިރާޟު… pic.twitter.com/5u5wJHTt7Z
— Mohamed Mamdooh (@Mamdooh_Yoonus) September 5, 2025
މިގޮތުން މަމްދޫޙް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަލީ ބަޔާނަކީ، ހާމަކަން ބޮޑު ގޮތެއްގައި، އެއްވެސް ކަމެއް އޮޅުވާނުލައި، ތެދު މަޢުލޫމާތު ރައްޔިތުންނަށް ހިއްސާ ކުރުމަށް ހުށަހަޅަން ކޮންމެހެން ޖެހޭ ބަޔާނެއް ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ކުންފުންޏެއްގައި، އެންމެ ހިއްސާއެއް އޮތްނަމަވެސް، އަދި އިތުރު ބަޔަކު ތިބެ އިއުތިރާޒު ކުރިނަމަވެސް، އެ މެންބަރުގެ އޮތިއްޔާ އޮތް ހިއްސާއެއްގެ މަޢުލޫމާތު، މާލީ ބަޔާނުގައި ހިމަނާ ހާމަކުރަން ޖެހޭނެ ކަމަށާއި، އެހެން ނޫންނަމަ، އެކަމަކީ ސީދާ ރައްޔިތުންނަށް ކަންކަން އޮޅުވާލާ، މާލީ ހިސާބުން ހާމަކުރަންޖެހޭ، ކަންކަން ފޮރުވާ ސިއްރުކުރުން ކަމަށެވެ.
"ކަމެއް ސިއްރުކޮށް އޮޅުވާލާ، އެކަން ރައްޔިތުންނަށް ފަޅާއެރުމުން، ދެން ހާމަކުރާނަމޭ ބުނީމާ، މާލީ ބަޔާނުގައި ދޮގު މައުލޫމާތު ހިމެނި ސަބަބު ރައްޔިތުންނަށް، އޮޅޭހާ ރައްޔިތުން ގަމާރެއް ނުވާނެ"، މަމްދޫޙް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން މަޖިލިސް ވެބްސައިޓަށް ބުދަ ދުވަހު ވަނީ އަރުވަން ފަށައިފައެވެ.
މިހާތަނަށް ގިނަ މެންބަރުން މާލީ ބަޔާން ހުށަހަޅާފައިވާއިރު، ބައެއް މެންބަރުންނަށް ހަދިޔާގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބިފައިވެއެވެ. އަދި ބައެއް މެންބަރުންގެ އެކައުންޓްގައި ހުރީ ވަރަށް މަދު ފައިސާއެކެވެ.
މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ހުށަހަޅަން ޖެހޭނެކަމަށް ގަވާއިދުގައި ބުނެފައިވާއިރު، މިހާރު އޮތް 20 ވަނަ ރައްޔިރުންގެ މަޖިލީހުން ގަވާއިދަށް ގެނައި ބަދަލުގައި، މެންބަރު ހުވައިކުރާ ދުވަހުން ފެށިގެން އެއް އަހަރު ދުވަސްފަހުން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ވަނީ ހަދައިފައެވެ.
އެއީ ހިނގަމުންދާ އަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ވިދިގެން އަންނަ އަހަރުގެ މޭ މަހުގެ 27 ވަނަ ދުވަހަށެވެ.
މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ، މާލީ ބަޔާން، އަނބިން/ ފިރިން އަދި 18 އަހަރު ނުފުރޭ ދަރީންވެސް ހިމެނޭ ގޮތުން ތައްޔާރުކޮށް، ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ކުރީން މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން