ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރި ޚަރަދު ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 6 އިންސައްތައިން ދަށްވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފިއެވެ.
ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ރިކަރަންޓް ޚަރަދުގެ 56 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 5.5 އިންސައްތަ ދަށް ޢަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 14.1 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ޚަރަދު ވަނީ 16.6 އިންސައްތައިން ދަށްވެފައެވެ. ހަމައެހެންމެ، ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ މިވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 6 އިންސައްތައިން ދަށްވެފައެވެ. މިއާއި އެކު ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 7.5 އިންސައްތައިންވަނީ ދަށްވެފައެވެ.
ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 3.1 ބިލިއަން ރުފިޔާއެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއަރޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ޚަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 2.7 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ހޭދަކޮށްފައެވެ.
ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 24.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އަދި ނިމިގެންދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު މިއަހަރުގެ ޚަރަދު 15.6 އިންސައްތަ ދަށެވެ. އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް 534.6 މިލިއަން ރުފިޔާގެ ސަރޕްލަސެއްގައި ވަނީ ދެމެހެއްޓިފައެވެ.
މި ލިޔުން ކިޔާލުމުން