ކަނޑުމަގުން ރާއްޖެއަށް ގެންނަ އަދި ގެންދާ މުދަލުގެ ހައުސް ބިލް އޮފް ލޭޑިންގގެ މަޢުލޫމާތު "ޓްރޭޑިއަން" ޕޯޓަލް މެދުވެރިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ހުށަހެޅޭނެ ކަމުގައި އެ ސަރވިސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ފްރައިޓް ފޯވަރޑަރުން މެދުވެރިވެގެން ކަނޑު މަގުން ރާއްޖެއަށް މުދާ ގެންނަ ޙާލަތްތަކުގައާއި ރާއްޖެއިން މުދާ ބޭރުކުރާ ޙާލަތްތަކުގައި، ކަސްޓަމްސް ޢާންމު ގަވާއިދުގެ ނުވަވަނަ ބައިގެ ތިންވަނަ ބާބުގެ ދަށުން، އެފަރާތްތައް ކާގޯ އެޖެންޓެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓްރީވާން ޖެހޭ ކަމަށެވެ. އަދި މި ގަވާއިދުގެ ދެވަނަ ބައިގެ ހަވަނަ ބާބުގައި ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި ހައުސް ބިލް އޮފް ލޭޑިންގތަކުގެ މަޢުލޫމާތު، އިލެކްޓްރޯނިކްކޮށް ފްރައިޓް ފޯވަރޑަރުން ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ ކަމަށްވެސް އެ ސަރވިސް އިން ބުނެފައިވެއެވެ.
އެހެންކަމުން ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި، މިފަދަ މުދަލުގެ ހައުސް ބިލް އޮފް ލޭޑިންގތަކުގެ މަޢުލޫމާތު، މާސްޓަރ ބިލް އޮފް ލޭޑިންގގައި ކޮންސައިނީގެ ގޮތުގައި ބަޔާންކޮށްފައިވާ ފްރައިޓް ފޯވަރޑަރު، ކަސްޓަމްސްއަށް ހުށަހަޅަންވާނެ ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.
އަދި މި މަޢުލޫމާތު ޓްރޭޑިއަން ޕޯޓަލް (މޯލްޑިވްސް ނޭޝަނަލް ސިންގަލް ވިންޑޯ) މެދުވެރިކޮށް ކަސްޓަމްސްއަށް ހުށަހެޅޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.
ވިޔަފާރިވެރިންނާ ޚިދުމަތްދޭ އިދާރާތަކާ ގުޅުވައިދޭ ޕްލެޓްފޯމު "ޓްރޭޑިއަން" އިފްތިތާޙްކޮށްފައިވަނީ 3 ސެޕްޓެންބަރު 2024 ގައެވެ. ޕޯޓަލްގެ ދަށުން ރާއްޖޭގައި ވިޔަފާރިތަކަށް ހުއްދަތައް ދިނުމުގައި ހަރަކާތްތެރިވާ އިދާރާތައް ގުޅިގެން އެއް ޕޯޓަލެއްގެ ދަށުން ފަސޭހަކަމާއި އަދި އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވޭނެ މަގުފަހިވެގެންދާނެއެވެ. މިއީ ސަރުކާރުން ވިޔަފާރިއަށް ފަހި މާހައުލެއް ރާއްޖޭގައި ޤާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގާއިމުކުރި ޕޯޓަލެކެވެ.
ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނާއި އަދި ކަމާގުޅޭ އިދާރާތައް ގުޅިގެން ހިންގާ މަޝްރޫއެކެވެ.
މި ލިޔުން ކިޔާލުމުން