ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ބާ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލްގެ ޤާނޫނީ ތަޢުލީމު ކޮމިޓީއަށް އެއް މެންބަރަކު ހޯދަން ބޭނުންވާ ކަމަށެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކު ކަމުގައިވުމާއި، ޤާނޫނީ ދާއިރާގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ އަދި ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެ މީހެއްގެ ނަޒާޙަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މެންބަރު ކަމަށް އެދި ސިޓީއަކުން ހުށަހަޅާނަމަ، ބޭނުންވާ ލިޔެކިޔުންތަކާއެކު އީމެއިލް ކުރުމަށް ބާ ކައުންސިލުން ވަނީ އެދިފައެވެ. މީގެ އިތުރުން މިކަމަށް އެކުލަވާލާފައިވާ ގޫގުލް ފޯމު މެދުވެރިކޮށްވެސް މެންބަރު ކަމަށް ކުރިމަތިލެވޭނެއެވެ.
ބާ ކައުންސިލުން ބުނީ މި މަޤާމަށް އެކަށީގެންވާ ޤާބިލު މީހުން ލިބުމާ ހަމައަށް މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން