Saturday, October 31
އެމްއެންޔޫ ދަރިވަރުންގެ ކައުންސިލުން ގަސްއިންދުމުގެ ޕްރޮގްރާމެއް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ދަރިވަރުންގެ ކައުންސިލުން، ޤައުމީ "5 މިލިއަން ގަސް" ޕްރޮގްރާމާ ގުޅިގެން، ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީތަކެއްގައި ގަސްއިންދުމުގެ ބޮޑު ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު، ޠާރިޤު އިބްރާހީމްއެވެ.

އެ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ތިމާވެށި ރައްކާތެރިކުރުމާއި، ދިވެހިރާއްޖޭގައި ފެހިކަން އިތުރުކުރުމުގެ ޤައުމީ މަސައްކަތަށް އެއްބާރުލުން ދިނުމެވެ. އަދި ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުން، އަދި ޔުނިވަރސިޓީގެ ކޮންމެ ފެކަލްޓީއަކުން ވެސް މި ޕްރޮގްރާމުގައި ހަރަކާތްތެރިވާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ޒުވާނުންނާއި ދަރިވަރުން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި އިސްދައުރެއް އަދާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި، ޤައުމީ "5 މިލިއަން ގަސް" ޕްރޮގްރާމަކީ ދިގު މުއްދަތަށް ރާއްޖޭގެ ތިމާވެއްޓަށް ފައިދާކުރާނެ މަޝްރޫޢެއް ކަމަށާއި، މިފަދަ މަސައްކަތްތަކުގައި ޔުނިވަރސިޓީގެ ދަރިވަރުންގެ ބައިވެރިވުން ހުރިހާ ގޮތަކުން ވެސް ބަލައިގަންނަ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ދަރިވަރުންގެ ކައުންސިލުން ބުނީ، މި ޕްރޮގްރާމްގެ ދަށުން ޔުނިވަރސިޓީގެ ކޮންމެ ފެކަލްޓީއެއްގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަޙައްދުގައި ގަސްއިންދާނެ ކަމަށެވެ. މިގޮތުން، ތަފާތު ބާވަތްބާވަތުގެ ގަސްތައް އިންދުމަށް ހަމަޖެހިފައިވާއިރު، މިކަމުގެ ސަބަބުން ޔުނިވަރސިޓީގެ ވެށި އިތުރަށް ހިތްފަސޭހަވެ، ތިމާވެށޓާބެހޭ ހޭލުންތެރިކަން ދަރިވަރުންގެ މެދުގައި އިތުރުވެގެން ދާނެ ކަމަށް އުންމީދު ކުރެއެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ޔުނިވަރސިޓީގެ ދަރިވަރުންގެ ފަރާތުން ލިބޭ މުހިންމު އެއްބާރުލުމެއް ކަމަށާއި، މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ ހިތްގައިމުކަމާއި ރީތިކަން ދެމެހެއްޓުމަށް ބޮޑު އެހީއެއް ލިބިގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު