ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކަކީ ވިޔަފާރީގައި އިންތިހާއަށް ފަރުވާތެރި ނަމޫނާ ވިޔަފާރިވެރިއެއް ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު، ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ ކޮލިގޭ މުޙައްމަދު ޢުމަރު މަނިކު އަވަހާރަވި ޚަބަރު އެއްސެވީ ނުހަނު ހިތާމައާއެކު ކަމަށެވެ.
ޤާސިމް ވިދާޅުވީ އެއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ ކަމަށާއި، ޤައުމަށް ނުހަނު ޚިދުމަތް ކުރެއްވި، ވިޔަފާރީގައި އިންތިހާއަށް ފަރުވާތެރި ނަމޫނާ ވިޔަފާރިވެރިއެއް ކަމަށާއި، އެކުގައި މަސައްކަތް ކުރެއްވި ގާތް އެކުވެރިއެއް ކަމަށެވެ.
މީގެ އިތުރުން ޤާސިމް ވިދާޅުވީ އެމްޔޫ މަނިކު އަވަހާރަވުމަކީ، މުޅި ރާއްޖެއަށް ލިބިގެންދިޔަ ހިތާމައެއް ކަމަށާއި، ފަތުވެރިކަމުގެ ޢާއިލާ އަށް ލިބިގެން ދިޔަ ނުހަނު ބޮޑު ހިތާމައެއް ކަމަށެވެ.
"ކީރިތި ﷲ އެމް.ޔޫ މަނިކުގެ ފާފަތައް ފުއްސަވާ މަތިވެރި ރަހުމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި. އާމީން.
މި ހިތާމަވެރި ދަނޑިވަޅުގައި އެމް.ޔޫ މަނިކުގެ އާއިލާ އަށް ކެތްތެރި ކަން ދެއްވުން އެދި ދުޢާ ކުރާ ހާލު އިޚުލާޞްތެރި ތައުޒިޔާ އަރިސްކުރަން"، އެ ޕޯސްޓުގައި ޤާސިމް ވިދާޅުވެފައިވެއެވެ.
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު އަވަހާރަވީ، އުމުރުފުޅުން 78 އަހަރުގައި މިއަދު ހެނދުނުގެ ވަގުތެއްގައި، ސިންގަޕޫރުގެ މައުންޓް އެލިޒަބަތް ހޮސްޕިޓަލްގައެވެ.
މަރްޙޫމް މުޙައްމަދު ޢުމަރު މަނިކަކީ، ރާއްޖޭގައި އެންމެ ފުރަތަމަ ފަތުރުވެރިކަމުގެ މަސައްކަތް ފެށްޓެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އަދި ރާއްޖޭގައި ފަތުރުވެރިކަން ފުރަތަމަ ފެށުނު ހިސާބުން ފެށިގެން ރާއްޖެއަށް ފައިދާހުރި އެކި ރޮނގު ރޮނގުން އެ މަސައްކަތް ތަރައްޤީ ކުރެއްވުމަށް ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޔުނިވަރސަލް އެންޓަރޕްރައިޒަސްގެ ޗެއަރމަން ކަމުގެ މަގާމުގައި ހުންނަވައިގެން، ދިވެހިރާއްޖެއާއި ޔޫރަޕްގެ ޤައުމުތަކާ ގުޅުމުގެ މަސައްކަތް ފެށްޓެވުމުގެ ގޮތުން، ފުރަތަމަ ފަހަރަށް ޖަރުމަނުވިލާތުގެ ކޮންޑޯ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމުގައި، މުޙައްމަދު ޢުމަރު މަނިކު ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. ހަމައެއާއެކު، ރާއްޖެއަކީ ފަތުރުވެރިންނަށް ޚާއްޞަ ޤައުމެއްގެ ގޮތުގައި އަދި ރާއްޖޭގެ ރިޒޯޓުތަކަކީ ވަރަށް ފެންވަރު ރަނގަޅު ރިޒޯޓުތަކަކަށް ހެއްދެވުމުގައި އެ މަނިކުފާނު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކާއި، މި މަސައްކަތުގައި އެ މަނިކުފާނުގެ ޙިއްޞާ ވަރަށްބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ.
އަލްމަރްޙޫމް މުޙައްމަދު ޢުމަރު މަނިކަކީ، 19 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ޚިދުމަތް ކުރައްވާފައިވަނީ އެގްރިކަލްޗަރގެ ދާއިރާގައެވެ. ދައުލަތުގެ ޚިދުމަތް ފެށްޓެވީ، 5 ޖޫން 1971 ގައެވެ. މިނިސްޓަރ އޮފް އެގްރިކަލްޗަރުގެ ނައިބު ކަމުގެ މަގާމުގައި ހުންނަވައިގެން، އެ މިނިސްޓްރީ ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތުވެސް އެ މަނިކުފާނު ވަނީ އަދާކުރައްވާފައެވެ. ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގަތީ، 31 ޑިސެންބަރު 1990 ގައެވެ. އޭގެފަހުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގައިވެސް ޚިދުމަތް ކުރެއްވިއެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ޗެއަރމަން ކަމާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ޗެއަރމަންކަންވެސް ކުރެއްވިއެވެ.
މަރްޙޫމް މުޙައްމަދު ޢުމަރު މަނިކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި މި ރޮނގުން ޝަރަފްވެރިކަމުގެ ޤައުމީ އިނާމު، 2002 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ. އަދި މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައި ވެއެވެ. ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، އެ މަނިކުފާނަށް އެރުވީ، 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލް ފާހަގަކުރުމުގެ ޙަފްލާގައި، މަރްޙޫމް މުޙައްމަދު ޢުމަރު މަނިކަށް ވަނީ ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްވެސް ލިބިވަޑައިގެންފައެވެ. މި އެވޯޑަކީ މުޙައްމަދު ޢުމަރު މަނިކަކީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވި އެއްބާނީ ކަމަށްވާތީއާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި އެރުވި ޝަރަފުވެރި އެވޯޑެކެވެ.
މި ލިޔުން ކިޔާލުމުން