އާދިއްތަ, November 15
މިއަދުވެސް މޫސުން ގޯސް، ހއ. އިން މ. އަތޮޅާ ދެމެދުގެ ރަށްތައް ހުދު ސަމާލުގައި

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

މިގޮތުން މެޓް އޮފީހުން ވަނީ މިއަދު 10:00 އިން 16:00 އަށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެއެވެ.

މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ.

މީގެ އިތުރުން ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި، ކަނޑުތައް ގަދަވެފައި ރާޅުގެ އުސްމިނުގައި 4-7 ފޫޓު ހުންނާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އަންގައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު