ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު، އިބްރާހީމް ފަލާޙް ނޫސްވެރިންނާއި މީޑިއާތައް ޖަލަށްލުމުގެ ބަދަލުގައި "އުލުބައިންދަން" ޖެހޭ ކަމަށް ވިދާޅުވި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދަން ފުލުހުން ނިންމައިފިއެވެ.
ފުލުހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ތަޅުމުގައި ދައްކާފައިވާ ވާހަކައަކާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމާމެދު ޤާނޫނީ ލަފައަކަށް އެދި، ދިވެހި ފުލުހުންގެ ޚިދުމަތުން 2025 އޮގަސްޓު 28 ވަނަ ދުވަހު، ޕީޖީގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ނާއިފް ސޮއިކޮށް ސީޕީ އިސްމާޢީލް ނަވީނަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނެފައިވަނީ އިސްލާމް ދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިނުވުން ހިމެނޭއިރު، އެ ޖަމުޢިއްޔާއިން ޤަބޫލުކުރާ ގޮތުގައި މަޖިލީހުގައި ފަލާޙް ދެއްކެވި ވާހަކަތަކަކީ އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ވާހަކަތަކަށްވާނެ ކަމަށާއި، އެއީ ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތް ކުރާ މީހުންގެ މައްޗަށް އަނިޔާވެރިވުމާއި އެ މީހުންނަށް ޖިސްމާނީ ގެއްލުން ދީ ބިރުދައްކައި ހެދުމަށް ހިތްވަރުދީ ދެއްކެވި ވާހަކަތަކެއް ކަމަށެވެ.
"އަދި ޒިންމާދާރު، ނުފޫޒުގަދަ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން އަނިޔާވެރިކަމަށް ގޮވާލާ ދައްކާ މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތަކުން ނޫސްވެރިންނާއި މީދިއާގައި މަސައްކަތް ކުރާ ފަރާތްތައް ނުހަނު ބޮޑެތި ބިރުވެރިކަމުގެ ތެރެއަށް ވެއްޓިގެންދޭ. އަދި މިއީ މުޖުތަމަޢުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުމަށް ޤައުމު ވެއްޓިގެން ހިނގައިދާނެފަދަ ވާހަކަތަކެއް"، އެ ސިޓީގައި ވެއެވެ.
އެމްޖޭއޭގެ ސިޓީ ނިންމާލަމުން ބުނެފައި ވަނީ ބައެއްގެ މައްޗަށް އަނިޔާވެރިވެ އެ މީހުން މެރުމަށް ފަލާޙް ގޮވާލެއްވި މައްސަލަ ބަލައި ތަޙުޤީޤުކޮށް، ފަލާޙްގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް މި މައްސަލަ ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން