އެއްބަސްވުމާ ޚިލާފުވެ ޤާނޫނާ ޚިލާފަށް ހިންގަމުންދާތީ ކިހާ މޯލްޑިވްސް އަށް ފިޔަވަޅު އަޅަން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އެ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ބ. ކިހާދުއްފަރު (ކިހާ މޯލްޑިވްސް) އަކީ އެ ވުޒާރާއާ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ކުއްޔަށްދީފައިވާ ރަށެއް ކަމަށާއި، އެ ރަށުގައި ތަރައްޤީކޮށްފައިވާ ޓޫރިސްޓް ރިޒޯޓު (ކިހާ މޯލްޑިވްސް) އަކީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަދި އެ ވުޒާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުން ދިޔަ ރިޒޯޓެއް ކަމަށްނުވާތީ، އެ ވުޒާރާގެ ފަރާތުން ތަކުރާރުކޮށް ފުރުޞަތުދީ ވަކި ޝަރުޠުތަކެއްގެ މަތިން އެންމެ ފަހުން ރިޒޯޓު ހިންގުމަށް އެ ކުންފުންޏަށް ދީފައިވާ ވަގުތީ އޮޕަރޭޓިންގ ލައިސަންސުގެ މުއްދަތު 27 ސެޕްޓެންބަރު 2024 ގެ ނިޔަލަށް ހަމަވުމާ ހަމައަށްވެސް އެ ކަންކަން އެކުންފުނިން ރަނގަޅުކޮށްފައި ނުވާ ކަމަށެވެ.
މީގެ އިތުރުން އެ މުއްދަތުގެ ފަހުން އެ ކުންފުންޏަށް ރިޒޯޓު ހިންގުމަށް އިތުރު އޮޕަރޭޓިންގ ލައިސަންސެއް ދީފައި ނުވާ ކަމަށާއި، ރިޒޯޓު އޮޕަރޭޓިންގ ލައިސަންސް ނެތި ޓޫރިސްޓް ރިޒޯޓު ހިންގުމަކީ ޤާނޫނާ ޚިލާފުކަމެއް ކަމަށްވާތީއާއި އަދި އެ ކުންފުނިން ހުއްދަ ނެތި އެ ރަށުގައި ފަތުރުވެރިން ބައިތިއްބާތީ، ދެ ފަހަރެއްގެ މަތިން ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކުންފުނި ޖޫރިމަނާ ކުރެވިފައިވާ ކަމަށްވެސް ފަތުރުވެރިކަމާއ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މިކަންކަން މިހެން ހުރުމުން، ބ. ކިހާދުއްފަރުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއާ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމާ، އެ ކުންފުނިން ތަކުރާރުކޮށް ޚިލާފުވެފައިވާތީ އަދި ޤާނޫނާ ޚިލާފަށް އެރަށުގައި ޓޫރިސްޓުންނަށް ޚިދުމަތް ދެމުން ގެންދާތީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާ، އެ ރަށް ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތިން އެ އެއްބަސްވުމުގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އަޅަމުން ގެންދާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެހެންކަމުން، ކިހާ މޯލްޑިވްސް ރިޒޯޓަށް ޓޫރިސްޓުން ގެންދިއުމަށް އެއްވެސް މުޢާމަލާތެއް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ނުކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން