އާދިއްތަ, November 15
ދުނިޔޭގެ އެއްވެސް ޤައުމެއްގައި ނުލިބޭހާ މިނިވަންކަން މި ސަރުކާރުން ވަނީ ނޫސްވެރިންނަށް ދީފައި: ވަޒީރު ސަޢީދު
ރާއްޖޭގެ ނޫސްވެރީންނަށް، ދުނިޔޭގެ އެއްވެސް ޤައުމަކު ނުލިބޭހާ މިނިވަންކަން މި ސަރުކާރުން ދީފައިވާކަން ހާމަވަމުންދާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިކަމުގެ ހެކި ދައްކަވަމުން ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހަމައެކަނި މިއަދުވެސް ހެނދުނުއްސުރެ ގްރީންޒޯންގައި ނޫސްވެރީން މުޒާހަރާކޮށް ބޭނުން ވަރަކަށް އަޑު އުފުލަމުން ދިޔަ ކަމަށާއި، ނޫސްވެރީންގެ ކަންބޮޑުވުން އަޑުއެއްސެވުމަށް އިންފޮމޭޝަން މިނިސްޓަރާއި ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން މިނިސްޓަރ އެއްވެތިބި ނޫސްވެރީންގެ ތެރެއަށް ވަޑައިގެން ބައްދަލުކުރައްވާ ވާހަކަތައް އަޑުއެއްސެވި ކަމަށާއި، ކަންބޮޑުވުންތައް ދަންނަވަން އެދުނު ނޫސްވެރީންގެ އަޑު އެއްސެވުމަށް މޯލްޑިވްސް ޖާރނަލިސްޓް އެސޯސިއޭޝަނާ ސީދާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާ ހުރިހާ ވާހަކައެއް އަޑުއެއްސެވި ކަމަށެވެ. މީގެ އިތުރުންވެސް ރައްޔިތުން މަޖިލީހަށް ހުށަހެޅިފައި އޮތް ބިލަށް ނޫސްވެރީން ބޭނުން ވަރަކަށް ޚިޔާލުތަކާ އިޞްލާޙުތައް ހުށަހަޅަން 10 ދުވަހުގެ ފުރުޞަތު ހުޅުވައިލި ކަމަށާއި، އޮފީސް ނިންމަވާފައި ރައީސުލްޖުމްހޫރިއްޔާ ހިންގަވާފަަައި މުލީއާގެއަށް ވަޑައިގަތް މަގުމަތީ، ނޫސްވެރީންގެ ނަމުގައި ތިބި ބަޔަކު ފަހަތްޕުޅުން ހިނގާ، އަޑުގަދަކޮށް، ހަށިކޮޅަށް އަތްލާ ހިސާބަށް ގެންދިއުމުންވެސް ސަރުކާރުން ޚިޔާރުކުރީ ކެތްތެރިކަން ކަމަށާއި، ނޫސްވެރީންގެ ސުވާލުތަކަށް ލައިވް ޕްރެސްއެއް ބާއްވަވާ ބަންޑާރަނައިބު ޖަވާބު ދެއްވި ކަމަށާއި އަދި ބަންޑާރަނައިބުގެ ޕްރެސްގައި އިޙްތިޖާޖުކޮށް ބޭނުން އަޑެއް އުފުލަންވެސް ނޫސްވެރީންނަށް ފުރުޞަތު ދެއްވި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު މިހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިހާރު ދިރާސާކުރަމުންދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ދިވެހި ނޫސްވެރިން ވަނީ އިއްޔެއާއި މިއަދުވެސް އިހުތިޖާޖު ކޮށްފައެވެ. މިގޮތުން މަޖިލީހުން އިއްޔެ މި ބިލު ބަލައިގެންފައިވަނީ ވެސް މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ނޫސްވެރިން މަޖިލިސް ކުރިމަތީ އިހުތިޖާޖު ކުރަމުން ދަނިކޮށެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ސެޕްޓެންބަރު 6 ވަނަ ދުވަހުގެ ނިޔަލަށް މި ބިލު އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުމަށާއި، އަންނަ ހަފުތާގެ ތެރޭގައި ބިލާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާ ބައްދަލުކުރުމަށްވެސް ނިންމައިފައެވެ. މި ބިލުގައިވާ ގޮތުން ބިލަށް ޢަމަލުކުރަން ފެށުމާއެކު މިހާރު އޮތް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލުމަށްފަހު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފެދިގެންދާނެއެވެ. މި ކޮމިޝަންގައި ހަތް މެންބަރުން ތިއްބަވާނެ ކަމަށާއި، އޭގެ ތެރެއިން ތިން މެންބަރުންނާއި ކޮމިޝަންގެ ރައީސް ޢައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، ބާކީ ތިން މެންބަރުން އިންތިޚާބުކުރާނީ ރަޖިސްޓްރީ ކުރިތާ ފަސް އަހަރުވެފައިވާ މީޑިއާތަކުން ވޯޓު ދީގެން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ. މި ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދުތަކުން ޖޫރިމަނާކޮށް ރަޖިސްޓްރީ ބާޠިލް ކުރެވޭނެ ކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން މީޑިއާއެއްގެ މައްސަލަ ބަލަމުން ދަނިކޮށް ވަގުތީ ގޮތުން ހިފެހެއްޓުމާއި، ކޯޓަށް ގޮސްގެން އެ މީޑިއާއެއްގެ ރަޖިސްޓްރީ ބާޠިލްކުރުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވާއިރު، ނޫސް ވެބްސައިޓުތައް ބްލޮކްކުރުމުގެ އިތުރުން ޓީވީގެ ބްރޯޑްކާސްޓް ހުއްޓުވަން އެންގުމުގެ ބާރުވެސް މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. މި ބިލު މަޖިލީހަށް ބަލައިގެންފައިވަނީ މި ބިލާމެދު ހިތްހަމަނުޖެހުން ފާޅުކޮށް، ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ ނޫސްވެރިން މިއަދު އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު