އާދިއްތަ, November 15
ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރަން ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލައިފި

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރަން ބޭނުންވާ މެންބަރުންނަށް ޝައުޤުވެރިކަންފާޅުކުރަން ހުޅުވާލައިފިއެވެ.

އެމްޑީޕީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެމް.ޑީ.ޕީގެ މެމްބަރުންނަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު، މިއަދުން ފެށިގެން 30 ސެޕްޓެންބަރު 2025 ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި ޕްރައިމަރީގައި ވާދަކުރެވޭނީ ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށާއި، ޕްރައިމަރީގެ ޓައިމްލައިން ފަހުގެ ތާރީޚެއްގައި އާންމުކުރެވޭނެ ކަމަށް އެ ޕާޓީން ބުނެއެވެ.

އެމްޑީޕީގެ ޓިކެޓަށް ވާދަކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމް.ޑީ.ޕީގެ މެންބަރެއް ކަމުގައިވުމާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުޠުތައް ހަމަވުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޤަވާއިދުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުޠުތައް ހަމަވުން ހިމެނެއެވެ.

އެމްޑީޕީގެ ފަރާތުން ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަމަށް ކަނޑައަޅާފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ޝައުޤުވެރިކަންފާޅު ކުރުމަށް އެ ޕާޓީން ވަނީ އެދިފައެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް އެ އިދާރާއިން ސާފުކޮށް ފުރިހަމަކުރުމަށްފަހު ޝައުޤުވެރިކަންފާޅުކުރާ ފޯމާއި އެކު ހުށަހެޅުމަށްވެސް އެ ޕާޓީން އެދިފައިވެއެވެ.

އެމްޑީޕީން ބުނީ ސިޓީތަކުގެ ދާއިރާތައް ބެހިފައިވާ ގޮތާއި އަންހެނުންނަށް ޙައްސަ ގޮނޑިކަނޑައެޅުމުގައި ބާލަފައިވާނީ މިވަގުތު އަމަލުކުރަމުންދާ ގޮތަށް ކަމަށާއި، މިނޫންގޮތަށް އިލެކްޝަން ކޮމިޝަންގެ އިދާރާއިން ބަދަލުކުރާނަމަ އެބަދަލެއް ގެނެވޭނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު